ޚަބަރު

މާދަމާ ބާރުބޮޑުވާނެކަމަށް ލަފާކޮށް ދުރާލާ އެއަރޕޯޓަށް ދިޔުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި


  • ޑިސެމްބަރުމަހު ޢުމްރާއަށްދިޔަ ދިވެހިން މާދަމާ އަންނަން ފަށާނެ

  • ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް ވަނީ އިލްތިމާސްކޮށްފައި

މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބާރުބޮޑުވާނެތީ، ދަތުރުކުރާ ފަރާތްތަކުން ދުރާލާ އެއަރޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ މިދުވަސްވަރަކީ ޕީކް ސީޒަނަށް ވެފައި، ޑިސެމްބަރުމަހު ޢުމްރާގެ އަޅުކަމަށްދިޔަ ދިވެހިން އެނބުރި އަންނަން ފަށާފައިވާތީއެވެ.

އެގޮތުން މާދަމާ ހެނދުނު 6:00 - 9:00 އާ ހަމައަށް ގާތްގަނޑަކަށް 2678 އެއްހާ މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި 618 ޢުމްރާވެރިން ހިމެނޭކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި މާދަމާ މެންދުރު 14:00 - 16:00 އަކާ ދެމެދު 2071 މީހުން ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި 452 ޢުމްރާވެރިން ހިމެނޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.


އެމްއޭސީއެލްއިން ވިދާޅުވީ، ޢުމްރާއަށްދިޔަ ދިވެހިން އެނބުރި ޤައުމަށް އަންނަން ފަށާތީ، މާދަމާއަކީ ވީއައިއޭގެ މަގުތަކާއި، ޓަރމިނަލް ސަރަހައްދަށް ބާރުބޮޑު ދުވަހަކަށްވާނެ ކަމަށެވެ.

އެހެންކަމުން އެއަރޕޯޓަށް ފުރަންދާ ފަރާތްތަކުން، ފުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ އެންމެ ލަސްވެގެން 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލުން ވަނީ ބާރުއަޅުއްވާފައެވެ. އަދި އެއަރޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަކަމާއެކު ކުރިއަށްގެންދިއުމަށް އެއަރޕޯޓް ސްޓާފުން ދެއްވާ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް އާންމުންގެ ފަރާތުން އެކުންފުނިން ވަނީ އެދިވަޑައިގެންފައެވެ.

ޑިސެމްބަރުމަހު ޢުމްރާގެ އަޅުކަމަށް ދިޔަ ޢުމްރާވެރިން މާދަމާ އެނބުރި ރާއްޖެއަށް އަންނަން ފަށާއިރު، މިދިޔަ ޑިސެމްބަރުމަހަކީ ފަހުގެ ތާރީޚެއްގައި ރިކޯޑް ޢަދަދަކަށް ދިވެހިން ޢުމްރާގެ އަޅުކަމަށް ދިޔަ މަހެކެވެ. އެގޮތުން މިފަހަރު އެކި ކުންފުނިތަކުގެ ޙަވާލުގައި 6300 ވުރެގިނަ ދިވެހިން ޢުމްރާގެ އަޅުކަމަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.