ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން ތާރީޚީ ލަނޑެއް ޖަހައިފިއެވެ.
ބެންގަލޫރުގައި ކުޅުނު މި މެޗުގެ ހާފް ޓައިމަށް ދިޔައިރު އިންޑިއާ ކުރީގައި އޮތީ 6-1 ގެ ނަތީޖާއަކުންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 11-1 އެވެ. މި މެޗުގެ ކުރިން މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 14-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު މި ދެ މެޗުން ރާއްޖެ ކޮޅަށް ވަނީ 25 ލަނޑު ވަދެފައެވެ.
އަންހެން ފުޓްބޯޅައިގެ ތާރީޚުގައި ރާއްޖެއިން އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަރިޔަމް ރިފާއެވެ. އެއީ އިންޑިއާގެ ކުޅުންތެރިން ރާއްޖޭގެ ހާފު ތެރެއިން ފަހަތަށް ކުޅެން ފެށި ބޯޅަ، އެ ގައުމުގެ ގޯލްކީޕަރު ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ސާފުކޮށްލަން ޖެހި ބޯޅަ ހުސްކޮށް ލިބުމުން، ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑުގެ ކުރިން ރިފާ ވަނީ ނުރައްކާތެރި ބޯޅައެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.
ރާއްޖެ އާއި އިންޑިއާގެ މެދުގައި މިއަދު ކުޅެފައިވާ މެޗަކީ މި ދެ ގައުމުގެ އަށްވަނަ ކުރިމަތިލުމެވެ.
2014 އޭޝިއަން ގޭމްސް: އިންޑިއާ 15 – ދިވެހިރާއްޖެ 0
2014 ސާފް ގޭމްސް: އިންޑިއާ 8 – ދިވެހިރާއްޖެ 0
2016 ސާފް ގޭމްސް: އިންޑިއާ 0 - ދިވެހިރާއްޖެ 0
2019 ސާފް ގޭމްސް: އިންޑިއާ 5 – ދިވެހިރާއްޖެ 0
2019 ސާފް ޗެމްޕިއަންޝިޕް: އިންޑިއާ 6 – ދިވެހިރާއްޖެ 0
2022 ސާފް ޗެމްޕިއަންޝިޕް: އިންޑިއާ 9 – ދިވެހިރާއްޖެ 0
2024: ރަހުމަތްތެރިކަމުގެ މެޗެއް: އިންޑިއާ 14 – ދިވެހިރާއްޖެ 0
މިއަދުގެ މެޗުގައި އިންޑިއާގެ ލިންޑެއިކިމް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެއީ މެޗުގެ 12 ވަނަ މިނެޓާއި، 16 ވަނަ މިނެޓު އަދި ފަހު ހާފުގައި ދެ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ވަނީ ޖެހިޖެހިގެން ތިން މިނެޓްގައި ތިން ލަނޑު ޖަހާފައެވެ. އެއީ 15 ވަނަ މިނެޓްގައި ކާޖޯލް ޖެހި ލަނޑާއި، 16 ވަނަ މިނެޓުގައި ލިންޑެއިކިމް ޖެހި ލަނޑުގެ އިތުރުން 17 ވަނަ މިނެޓުގައި ސަންޖީތާ ޖެހި ލަނޑެވެ. މި މެޗުގައި އިންޑިއާގެ ފަސްވަނަ ލަނޑަކީ ޕޫޖާ ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ ޝިބާނީއެވެ. މި މެޗުގައި ދެން ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ކާމިޔާބުކޮށް، ހެޓްރިކް ހެދި ޝިމްރަން ގުރޫއެވެ.
މި މެޗުގައި ރާއްޖޭގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ ދެ ފަހަރު މަތިން ގޯލްކީޕަރު ކައިރިން ނެއްޓުމަށްފަހު، އިންޑިޔާ ކުޅުންތެރިން ގޯލަށް ޖެހި ބޯޅައެއް ހުއްޓުވުމަށް ގަސްތުގައި ބޯޅައިގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެއާއެކު ލިބުނު ޕެނަލްޓީން އިންޑިއާގެ 11 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުމިކާ ދޭވީއެވެ.