އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރެންޓްފަޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އާސެނަލުން ކާމިޔާބުކޮށްފިއެވެ.
މި އަހަރު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު އާސެނަލްއިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 19 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއަށް 18 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.
ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި ބްރަޔަން އެމްބިއޫމޯ ވަނީ ލަނޑެއް ޖަހާ ބްރެންޓްފަޑަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 16 މިނިޓު ފަހުން އާސެނަލްގެ ގެބްރިއެލް ޖެސޫސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޖެހި ހަވަނަ ގޯލެވެ.
މި މެޗަށް ނިކުތްއިރު އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ސަކާގެ އިތުރުން ކައި ހަވާޓްޒްގެ ބަދަލުގައި އޭނާ ވަނީ 17 އަހަރު އީތަން އެންވަނޭރީ ކުޅެން އަރުވާފަ އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މިކޭލް މެރީނޯ ވަނީ ލަނޑެއް ޖަހާ އާސެނަލްއަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ގެބްރިއެލް މާޓިނެއްލީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށް، މި މެޗުން އާސެނަލްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.