މިހާރު ކުރިއަށްދާ ގަލްފް ކަޕުގެ ފައިނަލުގެ ޖާގަ ބަހްރެއިން އާއި އޮމާންއިން ހޯދައިފިއެވެ.
ކުވެއިތުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އޮމާން އިން ހޯދާފައިވަނީ އޭޝިޔާގެ ގަދަ ބާރެއް ކަމުގައިވާ ސައުދި އަރަބިއްޔާ އާއި ދެކޮޅަށް މެޗުގެ ގިނައިރު 10 ކުޅުންތެރިންނާއިއެކު ކުޅެ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މެޗުގެ 34 ވަނަ މިނިޓުގައި އޮމާންގެ ސައިދު އަލް އަލާވީ ސައުދީގެ ސާލެމް އަލްދޮސާރީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުގެ 74 ވަނަ މިނިޓުގައި އޮމާނުގެ އަރުޝަދު އަލް އަލާވީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ 11 މިނިޓުގ ފަހުން އަލީ އަލް ބުސައިދީ ވަނީ އިތުރު ލަނޑެއް އޮމާނަށް ކާމިޔާބުކޮށްދީފަ އެވެ.
މި މެޗުގައި ސައުދި އަރަބިއްޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ކަނޫ އެވެ.
ފައިނަލުގައި އޮމާނާއި ދެކޮޅަށް ނިކުންނ ބަހްރެއިން އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ކުވެއިތާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖައަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ބަހްރެއިން އަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު މަރްހޫން އެވެ.
ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފައިސާގެ އިނާމުގެ ގޮގުގައި އެއް މިލިއަން ޑޮލަރު ހުށައަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.