ޚަބަރު

ރެމިޓެންސް ޓެކްސްގެ ބިލަށް މެމްބަރުން ތާޢީދުކޮށްފި


ރެމިޓެންސް ޓެކްސްއަކީ ބިދޭސީންގެ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކްސްއަށް ކިޔާ ނަމެކެވެ. ވަޒީފާއާބެހޭ ޤާނޫނަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު ހުށައަޅުއްވާފައިވާ އިޞްލާޙްގައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، 2016 ޖޫން އެކަކުން ފެށިގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިނެއް އިންސައްތަ "ރެމިޓެންސް ޓެކްސް"ގެ ގޮތުގައި ދައުލަތަށް ނެގޭނެކަމަށެވެ. ރެމިޓެންސް ޓެކްސް ބިދޭސީންގެ އަތުން ނަގައި، އެ ޓެކްސް ދައުލަތަށް ދެއްކުމަކީ ރާއްޖޭގައި ހިންގާ ބޭންކުތަކާއި ބޭންކު ނޫން މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތް ދޭ ފަރާތުގެ ޒިންމާއެއްކަމަށް އިޞްލާޙުގައިވެއެވެ. 

ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކުން، ކޮންމެ މަހަކު ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާބުކުރުމަށްފަހު ޓެކްސް ބަޔާނެއް، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މީރާއަށް ހުށައަޅައި، ރެމިޓެންސް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެތާރީޚުގެ ނިޔަލަށް މީރާއަށް ދައްކަން ޖެހޭނެކަމަށްވެސް އިޞްލާޙުގައިވެއެވެ. އަދި މި ޓެކްސް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންކަމަށް މި އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ. މި ޓެކްސް ދައްކަންޖެހޭ ތާރީޚަށް ނުދައްކައިފިނަމަ ނުވަތަ އެނޫންވެސް ޒިންމާއެއް އަދާނުކޮށްފިނަމަ ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށާއި، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފިނަމަ، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީފިނަމަ ރާއްޖެއިން ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ނަމަ ޖޫރިމަނާގެ އިތުރުން އެފަރާތަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަކި މުއްދަތެއްގައި ހިފެހެއްޓެވުމުގެ އިޚްތިޔާރު ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި އިޞްލާޙުން ދީފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އަމީތު މި އިޞްލާޙު ހުށައެޅުއްވީ، ރާއްޖޭގައި ވަޒީފާއަދާކުރާ، ވިޒާ ލިބިފައިވާ ބިދޭސީންނަށާއި، ވީޒާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތުން މުސާރައާއި ސަރވިސްޗާޖް އަދި އެހެނިގެން ޢިނާޔަތްތައްވެސް ދިނުމުގައި ޢަމަލުކުރާ އުޞޫލު ހަރުދަނާކުރެއްވުމަށެވެ.