ވިޔަފާރި

އެމްޕީއެލްއަށް ބޭނުންވާ އުޅަނދުތައް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި

މާލޭގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް، އެބަނދަރު ހިންގުން ހަވާލުކުރައްވާފައިވާ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ބޭނުންކުރާ ބަރު އުޅަނދުފަހަރު ހޯދުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ކޮންޓެއިނާ އުފުލުމަށް ބޭނުންކުރާ އެކިބާވަތުގެ 22 އުޅަނދު އެމްޕީއެލަށް ފޯރުކޮށްދިނުމަށް މިއަދު ހަވާލުކޮށްފައިވަނީ ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީސް ކުންފުންޏާއެވެ.

ބަރު އުޅަނދު އުފެއްދުމުގައި މަޝްހޫރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސަނީ ހެވީ އިންޑަސްޓްރީސް އަށް، މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރުމަށް ކޮންޓެއިނަރ އުފުލާ 22 އުޅަނދު ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 140 މިލިއަން ރުފިޔާ އަށެވެ. އެމްޕީއެލްއިން ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީސް ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެކުންފުނިން އެމްޕީއެލަށް، 4 އެމްޓީ ކޮންޓެއިނާ ހޭންޑާ އާއި 2 ފޯކް ލިފްޓާއި 10 ކެރޭނުގެ އިތުރުން 6 ރީޗް ސްޓޭކާ ފޯރުކޮށްދޭންޖެހެއެވެ. އަދި މިތަކެތި ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭނެ ކަމަށް އެމްޕީއެލުން މަޢުލޫމާތުދެއެވެ. 

img:http://s2.psmnews.mv/images/660x400/14670275800723.jpg|މާލޭ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރުޢޫގެ ދަށުންގެ ގެންނަ އުޅަނދުތައް

ވިޔަފާރި ބަނދަރުގެ ހާލަތު ރަނގަޅު ކުރުމަށް އެމްޕީއެލުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، އަލަށް ގެނެވޭ ކޮންޓެއިނާ އުފުލާ އުޅަނދުތަކާއި އެކު ބަނދަރުގެ ޙިދުމަތް އެތައް ގުނައެއް އަވަސް ވެގެންދާނެ ކަމަށެވެ. މީގެއިތުރުން އަލަށް ގެންނަ އުޅަނދުތަކުގެ ތެރޭ ހިމެނޭ އެމްޓީ ކޮންޓެއިނާ ހޭންޑާއަކީ ވިޔަފާރި ބަނދަރަށް މުޅިން އައު ވައްތަރެއްގެ އުޅަނދެއް ކަމަށާއި އޭގެ އެހީގައި ހުސް ކޮންޓެއިނާ ބަލަހައްޓާ ސަރަހައްދުގައި މިހާރަށްވުރެ ގިނަ ކޮންޓެއިނަރ ތަރުތީބު ކުރެވިގެން ދާނެކަމަށް ޖުނައިދު ވިދާޅުވިއެވެ. ޖުނައިދު ވިދާޅުވީ ބައެއްގެ އިހުމާލުން ނަމަވެސް ޤައުމީ ވިޔަފާރި ބަނދަރު އޮތީ ވަރަށް ދެރަ ހާލަތުގައި ކަމަށާއި، ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން މަސައްކަތް ކުރައްވަނީ މިގެއްލުން ވީއެންމެ އަވަހަކަށް ފޫބެއްދުމަށް ކަމަށެވެ.

ވެހިކަލް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރި ސަނީ ހެވީ އިންޑަސްޓްރީސް ގެ ސައުތު އޭޝިޔާ ސަރަހައްދުގެ ސީއީއޯ ޑީޕަކް ގަރްގް ވިދާޅުވީ އެކުންފުނީގެ ބަރު އުޅަނދު ތަކަކީ މިހާރު ދުނިޔޭގެ ބޮޑެތި ބަނދަރުތަކުގައި ބޭނުންކުރާ އިތުބާރު ހުރި އުޅަނދުތަކެއްކަމަށެވެ.

އެމްޕީއެލްގެ އަމާޒަކީ ޤައުމީ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދާ ގަޑިއެއްގެއިރުގެތެރޭގައި ކްލިއަރ ކުރެވޭނެ ފެންވަރަށް ބަނދަރު ތަރައްޤީކުރުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.