އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު ކުޑަކުރުމަށް ޗެލްސީއަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލާފައިވާއިރު, ޗެލްސީ އޮތީ 19 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ. އިޕްސްވިޗް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އަދިވެސް އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.
އިޕްސްވިޗްގެ ޕޯޓްމަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާންމުކޮށް ފުރަތަމަ ޓީމުން ފެންނަމުންދާ ނިކޮލަސް ޖެކްސަން އާއި ޕެޑްރޯ ނެޓޯގެ އިތުރުން ކީޕަރު ސަންޗޭޒް މި މެޗުގައި ފެނިގެން ގޮސްފައިވަނީ ބެންޗުންނެވެ.
މި މެޗުގެ 12 ވަނަ މިނިޓުގައި އިޕްސްވިޗް އިން ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑަކީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ލިއާމް ޑެލަޕް އަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ޗެލްސީން ގިނަ ހަމަލަތަކެއް އުފައްދާފައިވީ ނަމަވެސް އެ ޓީމަށް ވަނީ އިޕްސްވިޗްގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ. ފުރަތަމަ ހާފުގައި ޖޮއާއޯ ފީލިކްސް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
އިޕްސްވިޗް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 53 ވަނަ މިނިޓުގައި އޮމާޜީ ހަޗިންސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އިޕްސްވިޗް މޮޅުވެފައިވާއިރު މިއީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.