ޚަބަރު

އޭސީ މިލާނުގެ ކޯޗަކަށް ކޮންސޭސާއޯ ހަމަޖައްސައިފި


އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ އޭސީ މިލާނުގެ ކޯޗުކަމުގެ މަގާމަށް ޕޯޓޯގެ ކުރީގެ ކޯޗު ސާޖިއޯ ކޮންކޭސާއޯ ހަމަޖައްސައިފިއެވެ.

އިޓަލީގެ އިންޓަރ މިލާނާއި ލާޒިއޯގެ އިތުރުން ޕާމާއަށް ކުރިން ކުޅެފައިވާ އުމުރުން 50 އަހަރުގެ ކޮންސޭސާއޯ އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޭނާ ވަނީ ޕޯޓޯގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި އެ ކްލަބަށް 11 ތަށި ހޯދައިދީފަ އެވެ.

މިލާނުން އައު ކޯޗެއް ހޯދާފައިވަނީ އެ ޓީމަށް ކޯޗުކޮށްދެމުން އައި ފޮންސޭކާ މިދިޔަ ހޯމަ ދުވަހު ރޯމާ އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗު ނިމުނުތާ ގިނައިރުތަކެއް ނުވަނީސް މަގާމުން ވަކިކުރުމަށްފަހުގަ އެވެ. ފޮންސޭކާ އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ ޖޫން މަހުގަ އެވެ.

ހަތް ފަހަރު މަތިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އޭސީ މިލާން މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައި ތާވަލުގެ ކުރީގައި އޮތް އެޓްލާންޓާ އާއި ނަޕޯލީއަށްވުރެ 14 ޕޮއިންޓުގެ ފަރަގަކާއެކުގަ އެވެ. އަދި ޖުމްލަ 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގައި އެ ޓީމު އޮތީ 12 ވަނައިގަ އެވެ.

ކޮންސޭސާއޯގެ އިރުޝާދުގެ ދަށުން އޭސީ މިލާން ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނިކުންނާނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އިޓަލީގެ ސުޕަރ ކަޕްގައި ޔުވެންޓަސް އާއި ދެކޮޅަށެވެ.