ޚަބަރު

ޑިޒާސްޓަރ ރިލީފް ލޯނު ސްކީމް މިހަފްތާތެރޭ ތަޢާރަފްކުރަނީ


ކާރިޘާތަކުގައި އާންމު ރައްޔިތުންގެ ގެދޮރަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޑިޒާސްޓަރ ރިލީފް ލޯނު ސްކީމެއް މިހަފްތާތެރޭ ތަޢާރަފްކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ވެބްސައިޓް އަދި ސޯޝަލްމީޑިޔާގެ ވަޞީލަތްތައް ތަޢާރަފްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ލޯނު ސްކީމަކީ ކާރިޘާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން މިހާރުވެސް އެފަދަ ފަރާތްތަކަށް ސަރުކާރުން ދެއްވާ ހިލޭ އެހީގެ އިތުރުން، އެބޭފުޅުން ބޭނުންވާ ހާލަތްތަކުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނު ނެގޭނެ ސްކީމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ކާރިޘާ ތަކުގައި ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ފަރާތްތަކަށް މާބޮޑު ރަހުނެއްނެތި، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދެވޭ ލޯނެއްކަމަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާ މި ލޯނުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައިވެސް 1 އަހަރުދުވަސް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ސްކީމް ތަޢާރަފްކުރުމުން މިހާރު ކާރިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ، އަދި އެހީތެރިކަން ލިބިފައިވާ ފަރާތްތަކުން ލިޔެކިއުންތައް ހުށައެޅުމުން ލޯނު ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ މަޢުލޫމާތުދެއްވައެވެ.

މިއަދުވަނީ ޑިޒާސްޓަރ މެނޭޖްމެންޓްގެ ވެބްސައިޓާ، ސޯޝަލް މީޑިޔާއާ އަދި މޯބައިލް އެޕް ތަޢާރަފްކުރައްވާފައެވެ. ވެބްސައިޓާއި، ސޯޝަލް މީޑިޔާ އެކައުންޓްތަކާއި މޮބައިލް އެޕް ތަޢާރަފްކޮށްދެއްވާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

ޑިޒާސްޓަރ މެނޭޖްމެންޓުން ބުނީ މިއަދު މި ތަޢާރަފްކުރެވުނު ވެބްސައިޓާއި ސޯޝަލް މީޑިޔާ އެކައުންޓްތަކާއި އަދި މޮބަލްއިލް އެޕް މެދުވެރިކޮށް އެސެންޓަރުން ފޮނުވާ ތަފާތު އެލާޓް މެސެޖްތައް އާންމުންނަށް ވަގުތުން ފޯރުކޮށްދެވޭނެކަމަށެވެ. ޑިޒާސްޓަރ  މެނޭޖެންމެންޓްގެ މޯބަލް އެޕްލިކޭޝަން އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށްވެސް ލިބޭގޮތަށް ހައްދަވާފައިވާއިރު މި އެޕްލިކޭޝަނަށް ދެއްވާފައިވާ ނަމަކީ "ޑިޒާސްޓަރ ވޮޗް"އެވެ.

އެސެންޓަރުގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުގެ ގޮތުގައި ފޭސްބުކް، ޓުވިޓަރ އެކައުންޓެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ތަޢާރަފްކުރައްވާފައިވެއެވެ.