ތަޢުލީމު

އެޑިއުކޭޝަން މިނިސްޓްރީގައި ޑީއެމްއެސް ސިސްޓަމެއް ތަޢާރަފުކޮށްފި


އެޑިޔުކޭޝަން މިނިސްޓްރީގައި ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމެއް ތަޢާރަފުކުރައްވައިފިއެވެ.

ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ނިޒާމްގެ ސަބަބުން ދޭދޭ އިދާރާތަކާއި ރައްޔިތުންނާއި މިނިސްޓްރީއާ ދެމެދު ކުރެވޭ މުޢާމަލާތުތަކަށް އިތުރު ފަސޭހަކަމަކާއި ހަލުވިކަމެއް ގެނެސްދޭނެކަމަށެވެ.

ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމްގެ ޒަރީޢާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މައި އިދާރާއަށް އިލެކްޓްރޯނިކް ކޮށް އަދި ކަރުދާހުގައި ލިބޭ ހުރިހާ ލިޔެކިޔުންތައް އިލެކްޓްރޯނިކް ފޯމެޓަށް ބަދަލުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ، މި ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ޖަވާބުދެވުނުކަން ކަށަވަރުކޮށް، ފައިލްކުރެވޭނެއެވެ. އަދި މިނިޒާމުގެ ތެރެއިން މި މަސައްކަތް ބެލެހެއްޓި، މައަސަލަތައް ކުރިއަށްދާ މިންވަރު ލޮގްކޮށް، ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަނެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން މައްސަލަ ހުށައަޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދެވޭކަން ކަށަވަރު ކުރެވި، މުރާޖަޢާ ކުރަންޖެހޭ މައްސަލަތައް ފަސޭހަކަމާއެކު ހޯދައި ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ކަރުދާހުގެ ޚަރަދު ކުޑަކުރެވި، ދޭދޭ ސެކްޝަނުގެ މުއައްޒަފުންގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ހޭދަވާ މުއްދަތު ކުޑަކުރެވޭނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.