ޚަބަރު

ބިމާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހަށް މަޖިލީހުގެ ތާއީދު


އެއްމެދު ޢިމާރާތަކުން ފުލެޓް ވިއްކާ ޙާލަތުގައި، އެފުލެޓަކީ އެތަން ގަންނަމީހާ ގަންނަ އެފަދަ ފުރަތަމަ ފްލެޓް ކަމުގައިވާނަމަ، ދައުލަތަށް ޓެކްސް ދައްކަންނުޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި އިޞްލާޙަށް ހުރިހާ މެމްބަރުން ތާއީދުކުރައްވައި އެ އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ.

މި އިޞްލާޙު ބަލައިގެންފައިވަނީ ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

ބިމާބެހޭ ޤާނޫނަށް ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް އިޞްލާޙެއް ހުށައަޅުއްވާފައިވަނީ މި ޤާނޫނުގެ 19 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. ބިމާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި މިހާރު ބަޔާންކުރައްވާފައިވަނީ އެއްމެދު ޢިމާރާތެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިއްކާނަމަ، އެ ޢިމާރާތް ނުވަތަ ފްލެޓް ވިއްކާ އަގުގެ 15 އިންސައްތަ، ޓެކްސްގެ ގޮތުގައި އެ ޢިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާ ފަރާތުން ސަރުކާރައް ދައްކަންޖެހޭނެކަމަށެވެ. މި މާއްދާގެ ފަހަތަށް އިތުރުކުރުމަށް ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިއްކުމުގެ މުޢާމަލާތެއްގައި އެ ފްލެޓް ގަންނަ މީހަކީ ޢުމުރުން އަށާރަ އަހަރުވެފައިވާ މީހަކަށްވެފައި، އެއީ އެފަދަ ފްލެޓް އޭނާ ގަންނަ ފުރަތަމަ ފަހަރުކަމުގައި ވާނަމަ އެފްލެޓް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާ ވެގެންވާކަމަށެވެ.

މި އިޞްލާޙަށް ބަޙުސްކުރެއްވި ހުރިހާ މެމްބަރުންވެސް އިޞްލާޙާށް ޖުމްލަގޮތެއްގައި ތާއީދުކުރެއްވިއެވެ. އެ މެމްބަރުން ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ އެތައް ސަރަޙައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރުޢުތައް ހިންގަވަމުން ގެންދަވާއިރު، މި އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. މި އިޞްލާޙް ފާސްވެ، ޤާނޫނަކަށްވުމުން، ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ބޮޑު ފައިދާއެއް ކުރާނެކަން ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ.

ޢަލީ ސަލީމް ހުށައެޅުއްވި މި އިޞްލާޙުގައި އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބިދިނުމަށް އޮތް ހުރަހެއް ކަމުގައި ނުބެލެވޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ.