ސިއްހަތު

އައިޖީއެމްއެޗްގައި ހެދި ފުރަތަމަ އެންޖިއޮގްރާމް ކާމިޔާބު


އައިޖީއެމް ހޮސްޕިޓަލްގައި އެންޖިއޯ ޕްލާސްޓީއާއި އެންޖިއޮގްރަފީގެ ޚިދްމަތް މިއަދު ފަށްޓަވައިފިއެވެ. 

މިއަދު އައިޖީއެމްއެޗްގައި ކުރިއށްގެންދިޔަ ފުރަތަމަ އެންޖިއޮގްރާމް ކާމިޔާބުކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އައިޖީއެމްއެޗްގެ ހިތުގެ  ޑޮކްޓަރ ޑރ. ޢަލީ  ޝަފީޤު ވިދާޅުވީ   އައިޖީއެމްއެޗްގައި ހެދި ފުރަތަމަ އެންޖިއޮގްރާމްވެސް ކާމިޔާބު ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

މިއަދު މިޚިދްމަތް ދެއްވަން ފަށްޓަވާފައިވާއިރު، 3 މީހެއްގެ މި ޕްރޮސީޖަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. މި ޕްރޮސީޖަރގައި އައި.ޖީ.އެމް.އެޗްގެ ހިތުގެ ޑޮކްޓަރަކާއި، އިންޑިޔާގެ ޑޮކްޓަރަކު ބައިވެރިވާނެއެވެ. އަދި  ދިވެހި ނަރުހުންނާއި ބޭރުގެ ނަރުހުންވެސް ބައިވެރިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. 

އައިޖީއެމްއެޗްގައި  ހިތުގެ ބަލިތަކަށް ފަރުވާދެއްވަން ފެއްޓެވުމަކީ މި ޚިދްމަތް ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ. ހިތުގެ ބަލީގެ ފަރުވާއަކީ ރާއްޖެއިން ބޭރުން ވަރަށް ބޮޑުއަގުގައި ލިބެންހުންނަ ފަރުވާތަކެވެ. އެހެންކަމުން ރާއްޖެއިން މިފަދަ ޚިދްމަތްތައް ލިބެންހުރުމަކީ ގިނަ ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ. ނޭޝަނަލް ކާޑިއެކް ސެންޓަރުން ދެއްވާ ޚިދްމަތްތަކަކީ އާސަންދައިގެ ދަށުން ކަވަރޔ ކުރެވޭ ޚިދްމަތްތަކެއްކަންވެސް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ. 

 އިންދިރާ ގާނދީ މޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރައްވާފައިވާ، ނެޝަނަލް ކާރޑިއެކް ސެންޓަރުގައިވާ ކެތު ލެބުން، އޮޕަރޭޝަނުގެ ބަދަލުގައި ބޭނުންކުރާނީ، ހަށިގަނޑުގެ ލޭނާރުގެ ތެރެއަށް ލައްވާ ކެތޭޓާރ އެކެވެ. މައިގަނޑުގޮތެއްގައި މިސެންޓަރުގައި ދެއްވާނޭ ޚިދްމަތަކީ، އެންޖިއޮގްރަފީއާއި، އެންޖިއޯ ޕްލާސްޓީ ހެދުމުގެ ޚިދްމަތެވެ. އަދި ހިތުގެ ޕްރެޝަރު ބެލުމާއި، ހިތުގެ ކަރަންޓު ހިގާގޮތުގެ ނިޒާމް ބެލުމާއި، އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ފަރުވާ ކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އުފެދުމުގައި، ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާނުލާ ޑިވައިސްއެއް ބޭނުންކޮށްގެން ބެއްދުމާއި، ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކަރއެއް ލެއްވުމުގެ ޚިދުމަތްވެސް ކެތުލެބުން ލިބިގެންދާނެއެވެ. މީގެ އިތުރުން މި ކެތު ލެބަކީ، ސިކުނޑީގެ ނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލާ ނުވަތަ ނަގާ އިމަޖެންސީ ޙާލަތުގައި ސްޓްރޯކަށްވެސް ފަރުވާ ދެވޭނޭ ތަނެކެވެ.

ސެންޓަރުގެ އިތުރު ޚާއްޞަ ސިފަތަކުގެ ތެރޭގައި، ހޯލްޓަރ ކާޑިއޯރޫމާއި، އިކޯ ކާޑީއޯ ރޫމަކާއި، ޓްރެޑްމިލް ރޫމަކާއި، ކާޑިއެކް ކެތިޓަރައިޒޭޝަން ރޫމެއް ހިމެނެއެވެ. އަދި މި ސެންޓަރުގައި 9 އެނދުގެ ކާޑިއޯ ވެސްކިއުލާ އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމް ކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ. އިންޑިއާގެ މެޑި-ޓްރީނާ ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކު، ޤާއިމްކުރެވިފައިވާ މިލެބަށް ބޭނުންވާ މެޝިނަރީޒް އިންސްޓޯލްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުންނެވެ. އަދި މިކަމަށް ބޭނުންވާ ދިވެހިންވެސް ތަމްރީންކޮށްފައިވަނީ އެހޮސްޕިޓަލުންނެވެ.