ދީން

ފަސް ވަނަ އިޙްޔާ ފޯރަމް ބާއްވައިފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން ބާއްވަވާ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގެ 5 ވަނަ ފޯރަމް ރޭ ބާއްވަވައިފިއެވެ.

ރޭގެ ފޯރަމް އަމާޒުކުރައްވާފައިވަނީ "ސިހުރު ހެދުމުގެ ނުބައިކަން" މި މައުޟޫޢުގެ މައްޗަށެވެ. ރޭގެ ފޯރަމްގައި މި މައުޟޫޢަށް އިންސާފުކޮށްދެއްވީ، ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.

މި މައުޟޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ސިހުރު ހެދުމަށް ކުރާ ކޮންމެ ކަމަކީވެސް ޝިރުކުގެ ޢަމަލުތައް ކަމަށެވެ. އަދި އެކަންކަން ޤަބޫލުކުރުމަކީ ދީނުން ބޭރުވާނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ އަދި ސިހުރުގެ ޢިލްމު ދަސްކުރުމަކީ ޙަރާމް ކަންތައްތައްކަމަށާއި އެކަންކަމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން އައިސްފައިވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިހުރު ހެދުމުގެ ނުބައިކަން" މި މައުޟޫޢަށް ވާހަކަދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ސިހުރަކީ ޝައިތާނާއާއި ގުޅިގެން ބަޔަކު ހަލާކޮށްލުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އެބައި މީހުންގެ މަސައްކަތްތަކަކީ ﷲ އަށް ޝަރީކުރުން ކަމަށެވެ. ހަމައެހެންމެ ސިހުރުވެރިންނަކީ ރަސޫލުބޭކަލުންގެ ޢަދާވާތްތެރިންކަމަށާއި ސިހުރުވެރިންނަކީ މާތް ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް ތަޢުހީދުގެމަގުން ދުރުހެލިކުރުވާ ޝައިތާނާގެ ބައިވެރިންކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ސިހުރުވެރިންނާއި މެދު ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމަށާއި އެމީހުންގެ ކިބައިން އެއްވެސް ކަމަކަށް އެދިގެންނުވާނެކަން ހަނދުމަކޮށްދެއްވާ، ޝައިޚްވަނީ އިންސާނުން އެހީތެރިކަމަށް، އަދި ވާގި އެދެންޖެހޭ ހަމައެކަނި ފަރާތަކީ މާތް ﷲގެ ހަޟުރަތުންކަން ހަނދުމަކޮށްދެއްވާފައެވެ.

މިފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ މެދުގައި ނެންގެވި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤްހުއްސުންނަ މި ދެ ފޮތް ހަދިޔާކުރައްވާފައިވެއެވެ.