ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިންޑިއާ އާއެކު ކުޅެން ލިބުމަކީ ކުޅުންތެރިން މޮޅުވުމަށް މަސައްކަތްކުރާ މިންގަނޑު ދެނެގަންނަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އަންނަ ޖެނުއަރީގައި ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ ޓީމު އިންޑިއާއަށް ފުރަން ތައްޔާރުވެފައިވާއިރު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ނިޒާމް ބުނީ އިންޑިއާ އާއި ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖްރިބާއެއް ކަމަށެވެ.
އަދި މި ދަތުރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާއި އެކު ކުޅޭއިރު ރާއްޖޭގެ ގައުމީ ޓީމަށް އަލަށް ގެންނަ ބަދަލުތަކާއި، އާ ކުޅުންތެރިންނާއި، ކުޅުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލާއި، ކުޅުންތެރިންގެ ވިސްނުމާއި ކުޅިވަރުގެ އަހުލާގަށް ގެނައި ބަދަލު މިިންކުރުން ކަމަށެވެ.
"އެންމެ ބޮޑު އެއްޗަކީ އަޅުގަނޑު މި ދެންނެވިހެން ކުޅުންތެރިންގެ ވިސްނުމަށް މި ގެންނަން ބޭނުންވާ ބަދަލު. އެއީ ވިނިން މެންޓާލިޓީ، އެ ވިސްނުން ކުޅުންތެރިންނަށް ވިސްނައިދިނުން އެއީ މި ވަގުތަށް އަޅުގަނޑުމެން ކުރާ އެންމެ ބޮޑު މަސައްކަތަކީ. އަނެއްކަމަކީ ކުޅުންތެރިންގެ ހުނަރު އަދި ފިޒިކަލް ކޮންޑިޝަން" ކަމަށް ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ އޮކްޓޫބަރ 2024 ގައި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ނޭޕާލާއި ދެކޮޅަށް ކުޅުނުއިރުވެސް ކުޅުންތެރިން ފިޒިކަލީ ގޯހެއް ނޫން ކަމަށެވެ.
"އެހެންނަމަވެސް ޓެކްނިކަލީ ހަމަ ކުޅުންތެރިނަށް ކުޅެން ޖެހޭ ވައްޓަފާޅިއާއި އެއްޗެހި އަދި ހަމަ ކިރިޔާ އަންޑަސްޓޭންވަމުން މި އަންނަނީ. އެހެންވީމަ އެ ޗެލެންޖަސް އެބަހުރި" ކަމަށް ނިޒާމް ބުންޏެވެ.
ކޮންމެ ކޯޗެއް އައިކަމުގައިވިޔަސް ގައުމީ އަންހެން ޓީމު ކާމިޔާބީ އާއި ހަމައަށް ގެންދިއުމަށް 4 ވަރަކަށް އަހަރު ނަގާނެ ކަމަށް ނިޒާމް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ނިންމުމަށްފަހު ރާއްޖެ އައިސް 10 ވަރަކަށް ދުވަހު މަޑުކުރުމަށްފަހު ގައުމީ އަންހެން ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ އިންޑިއާ އާއި އެކު ރަހްމަތްތެރިކަމުގެ ދެ މެޗު ކުޅުމަށެވެ.
ޕްރެކްޓިސްތަކާއި ގުޅޭ ގޮތުން ނިޒާމް ބުނީ ގައުމީ އަންހެން ޓީމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެކަށީގެންވާ ވަރަށް ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ. އަދި ޕްރެކްޓިސް މެޗުތައް ކުޅެންވެސް ޖެހެނީ ކުލަބުތަކުގެ ފިރިހެން ޓީމުތަކާ ދެކޮޅަށް ކަމަށާއި، އެހެންނަމަވެސް ކުލަބުތަކާއި އެކު ކުޅޭ މެޗުތަކުން މިހާރު އަންހެން ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ފާހަގަ ކުރެވޭ ކަމަށް ނިޒާމް ބުންޏެވެ.