ޚަބަރު

އެސްޓަން ވިލާ ބަލިކޮށް ނިއުކާސަލް ފަސްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ފަސްވަނަ މަގާމު ނިއުކާސަލް ޔުނައިޓެޑުން ހޯދައިފިއެވެ.

ލީގުގައި މިހާތަނަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު 18 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ފަސްވަނަ މަގާމް ލިބިފަ އެވެ. އެސްޓަން ވިލާ އަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ 9 ވަނައިގަ އެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާށް ދެހާހަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި އެންތޮނީ ގޯޑޮން ވަނީ ލަނޑެއް ޖަހާ ނިއުކާސަލް ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ނިއުކާސަލް އިން ލަނޑެއް ޖަހާ ލީޑު ނަގާފައިވާއިރު, އެސްޓަން ވިލާއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި އެ ޓީމު އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ޖޯން ޑުރާން އަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

ޑުރާން އަށް ދެއްކި ރަތް ކާޑާއި ގުޅިގެން އެސްޓަން ވިލާގެ ކޯޗު އުނައި އެމެރީ ވަނީ ރެފްރީގެ ނިންމުމާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

އުމުރުން 21 އަހަރުގެ ފޯވަޑަށް ރަތް ކާޑު ދައްކާފައިވަނީ އޭނާ ނިއުކާސަލްގެ ޑިފެންޑަރ ފަބިއަން ޝާ އަށް ނުރައްކާތެރި ފައުލްއެއް ކުރުމާއި ގުޅިގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އެލެކްސެންޑަރ އިސާކް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޖަހާފައިވާ ހަވަނަ ލަނޑެވެ.

ނިއުކާސަލް އިން މި މެޗުގައި ޖަހާފައިވާ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮއެލިންޓަން އެވެ.