ވިޔަފާރި

އޭ.އައި.އައި.ބީއިން މާލީ އެހީ ދޭނެ 4 މަޝްރޫޢެއް ފާސްކޮށްފި

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އޭ.އައި.އައި.ބީއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ހަތަރު މަޝްރޫޢެއް ފާސްކޮށްފިއެވެ.

ބޭންކުގެ މެމްބަރު ޤައުމުތަކުގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އޭ.އައި.އައި.ބީއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަޝްރޫޢުތައް ކަނޑައަޅާ، ފާސްކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި އެ ބޭންކުގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައެވެ.

މި 4 މަޝްރޫޢަށް 50 ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެ ބޭންކުންވަނީ ފާސްކޮށްފައެވެ. އޭ.އައި.އައި.ބީގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި އިސްކޮށް ތިއްބެވީ އޭ.އައި.އައި.ބީގެ ގަވަރނަރ އަދި ރާއްޖޭގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒާއި، އެ ބޭންކްގެ އޮލްޓަނޭޓް ގަވަރނަރ އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ސަރުކާރުންވަނީ، ބޭންކުގެ ޕްރޮޖެކްޓް ޕްރެޕެރޭޝަން ސްޕެޝަލް ފަންޑަށް 50 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމާބެހޭ ސެމިނާއަކާއި، ތިމާވެށީގެ ދާއިރާއިން އުމްރާނީ ތަރައްޤީއާއިބެހޭ މުހިއްމު ސެމިނާއެއް ބާއްވާފައިވެއެވެ. އޭ.އައި.އައި.ބީގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައި 57 މެމްބަރު ޤައުމަކުން ގަވަރނަރުންނާއި އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހައުސިންގ މިނިސްޓަރާއި ފިނޭންސް މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އޭ.އައި.އައި.ބީ އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭ.އައި.އައި.ބީއަކީ އޭޝިއާގެ ޤައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަޙައްދީ އެހެން ބޭންކްތަކާއި ގުޅިގެން، އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ ބޭންކެކެވެ.

މި ބޭންކުގެ ރައުސުލްމާލަކީ 100 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި، މިއީ ވޯލްޑް ބޭންކުގެ ރައުސުލްމާލުގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ ޢަދަދެކެވެ.