ޚަބަރު

ބްރިޖުގެ މަސައްކަތް ބަލާލުމަށްދާ މީހުންގެ އަދަދު އިތުރުވަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ ދިވެހިންނަށް އެތައް ގޮތަކުން ޚާއްޞަ މަޝްރޫޢެކެވެ. ޙަޤީޤީ ބްރިޖެއްގެ ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިނާކުރާ މި ބްރިޖް އެޅުމުގެ ތައްޔާރީތަކާއި، ބްރިޖްއަޅަން ގެނެސްފައިވާ ބަރު ވެހިކަލްތަކުން ފުރާލާފައިވާ ލޮނު ޒިޔާރަތްކޮޅު ސަރަޙައްދު ފެންނަނީ ވަރަށްވެސް ހަލަބޮލިކޮށެވެ. ހަމަ އެއާއެކު މިމަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށް އެސަރަޙައްދު ކައިރި ހިސާބުގައި ގިނަ ބަޔަކު މަޑުކޮށްގެން ތިބޭ ތިބުންވެސް ވެފައިވަނީ ވަރަށް ޝައުޤުވެރި ކަމަކަށެވެ.

ދިވެހިންގެ އުންމީދާ ގުޅިފައިވާ، ޚާއްޞަކޮށް މާލޭ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ މި ބްރިޖްގެ ސަބަބުން މުޅި މާލޭގެ މަލަމަތި ބަދަލުވެގެންދާނެއެވެ. މި ބްރިޖްގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، ހުޅުމާލެ، ޔޫތު ސިޓީގެ ގޮތުގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރައްވަމުންގެންދަވާއިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ކޮންމެ ދުވަހަކު 15 ނުވަތަ 20 މިނެޓް ހޭދަކޮށްގެން ކުރަންޖެހޭ ކަނޑު ދަތުރަށް ނިމުން އައުމެވެ. img:http://s3.psmnews.mv/images/660x400/14670466361003.jpg|ބްރިޖުގެ މަސައްކަތް ބަލައިލަން މަޑުކޮށްލައިގެން ތިބި ބައެއް މީހުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ބްރިޖްގެ މަސައްކަތުގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޓެރެސަލް ބްރިޖްގެ މަސައްކަތެވެ. މި މަސައްކަތް ނިންމަމުންދާ ހަލުއި މިނުންވެސް ހުޅުލެއާއި މާލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފެންނަކަހަލެއެވެ. ޓްރެސަލް ބްރިޖްވެސް މާލެއިން ފެށިގެން ހުޅުލެއާ ހަމައަށް އަޅާނެއެވެ. އެހެންނަމަވެސް މިއީ ބްރިޖްގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ދުއްވަން އަޅާ ވަގުތީ ބްރިޖެކެވެ.

ގްރޭޓަރ މާލޭގެ މި ހިތްގައިމު ރީތި ބްރިޖްގެ މަސަކަތް ކުރިއަށްދާ ހަލުއި މިނާއި އެމަސައްކަތަށް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިން ބޭނުންކުރާ އުކުޅުތަކާއި ކުރާ މަސައްކަތްތައް މިވަނީ ދިވެހިން ވަރަށް ޝައުޤުވެރިވާ މަންޒަރަކަށެވެ.

މިކަން އެނގެނީ، މިމަސަކަތް ފެށުނީއްސުރެ ލޮނުޒިޔާރަތްކޮޅުގައި މިމަންޒަރު ބަލާލަންދާ ޢާންމުންގެ އަދަދު ގިނަވުމުންނެވެ. ބްރިޖްގެ މަސަކަތް ކުރިއަށްދާ ސަރަޙައްދު އެންމެ ރީތިކޮށް ފެންނަ ބޮޑުތަކުރުފާނުމަގު، ކުރީގެ ޓަސްކަލޫސާ ހިމެނޭ ކަންމަތިން ދަތުރުކުރާ ކޮންމެ މީހަކީވެސް މި ހިތްގައިމު މަންޒަރު ބަލާލާ މީހެކެވެ. ފައިމަގުގައި އެސަރަޙައްދުން ދިޔައަސް، ސައިކަލުގައި ދާއިރުވެސް ބްރިޖްގެ މަސަކަތްދާގޮތް ބަލާލަން ހިނދުކޮޅަކު އެތަނުގައި މަޑުކޮށްނުލާ މީހަކު މަދެވެ. ޚާއްޞަކޮށް ރޯދަމަސް ފެށުނު ފަހުން ހަވީރުގެ ވަގުތުތަކުގައި ސައިކަލު ބުރުޖެހުމުގެ ތެރެއިން ބްރިޖް ސަރަޙައްދަށް އެއްވާ މީހުން ވަރަށް ގިނައެވެ. މިސަރަޙައްދަށް އަންނަ ގިނަ ފަރާތްތަކުންވެސް ބުނަނީ މިއީ ވަރަށް ޝައުޤުވެރި އަދި އުންމީދުން ފުރިގެންވާ މަންޒަރުތަކެއްކަމަށެވެ. img:http://s1.psmnews.mv/images/660x400/14670466621303.jpg|ބްރިޖުގެ މަސައްކަތް ބަލައިލަން މަޑުކޮށްލައިގެން ތިބި ބައެއް މީހުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖްގެ މަސަކަތުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާއިރު، މިހާރުމިވަނީ ބްރިޖްގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް ފަށްޓަވާފައެވެ. ފައުންޑޭޝަން އެޅުމަށް ބޭނުންވާ ހޮޅިތައް ޖެހުމުގެ މަސައްކަތް ފަށްޓަވައި، ހޮޅިތައް ކަނޑުގެ އަޑިއަށް ފައްތާ ނިމުމުން ކޮންކްރީޓް މަސައްކަތްފެށޭނެއެވެ. އަދި ބްރިޖްގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޖުލައިމަހުގައެވެ.

ބްރިޖްގެ މައިގަނޑު ހެދުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ޕްލެޓް ފޯމްތަކުގެ މަސައްކަތް ނިމި، ވަގުތީ ގޮތުން ހަދާ ޓްރެސަލް ބްރިޖްގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ބްރިޖްގެ މައިގަނޑު 5 ބައެއް ހިމެނޭއިރު ކޮންމެ ބައެއްގައި 7 ހޮޅި ޖަހާނެއެވެ. އަދި ސެޕްޓެމްބަރު މަހުގެތެރޭގައި ތަނބުތައް މޫދުން މައްޗަށް ފެންނަވަރުވާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެއާއެކު މިސަރަޙައްދުން އަނެއްކާވެސް ފެންނާނީ ވަރަށް ތަފާތު އުއްމީދީ މަންޒަރެކެވެ. img:http://s4.psmnews.mv/images/660x400/14670466800775.jpg|ބްރިޖުގެ މަސައްކަތް ބަލައިލަން މަޑުކޮށްލައިގެން ތިބި ބައެއް މީހުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ބްރިޖްގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް އަންނަ އަހަރު ފެށްޓެވުމަށް ވަނީ ނިންމަވާފައެވެ. މި ހަލުއިމިނުގައި ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ މަސަކަތް ނިމިގެންދާއިރު، ހުރިހާ ފަރާތްތަކުގެވެސް އުންމީދަކީ އަދި ދެކެންބޭނުންވަނީ ބްރިޖްގެ މަސަކަތް ނިމި އެބްރިޖުން މަންފާ ލިބެގެންދިޔުމެވެ.