ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ 80 ހެކްޓަރު ފެހިކުރެވިއްޖެ


ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މާސްޓަރ ޕްލޭނެއްގެ ދަށުން ރޭވުންތެރިކަމާއެކު ތަރައްޤީކުރައްވަމުން އަންނަ ތަނެކެވެ. 245 ހެންޓަރުގެ ބިން ހިއްކައި ނިމި، އެތަނުގެ އެކި މަޝްރޫޢުތައް މިހާރު ވަނީ ކުންފުނިތަކާ ޙަވާލުކުރައްވާފައެވެ. ހިއްކަވާފައިވާ ބިމުގެ ތެރެއިން ގާތްގަނޑަކަށް 170 ހެކްޓަރުގެ ބިން ފެހިކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ދެވަނަ ފިޔަވަހި ފެހިކުރެއްވުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއެވެ. އެއީ 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ފެހިކުރެއްވުމަށް ފަށްޓަވާފައިވާ މަސައްކަތުން، ދެވަނަ ފިޔަވަހި ތަރައްޤީކުރެއްވުމަށް ހިއްކަވާފައިވާ ބިމުގެ ބޮޑުބައެއްގައި މިހާރު ވަނީ ގަސްއިންދާފައެވެ. ދެވަނަ ފިޔަވަހި ތަރައްޤީކުރެއްވުމަށް ހިއްކަވާފައިވާ 245 ހެކްޓަރުގެ ތެރެއިން ގާތްގަނޑަކަށް 170 ހެކްޓަރުގެ ބިން ފެހިކުރުމަށް ކަނޑައަޅުއްވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/6340.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދު / ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކުން ވަނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ދެވަނަ ފިޔަވަހީގައި ގަސްއިންދުމުގެ ޙަރަކާތް އެކި ފަހަރުމަތިން ކުރިއަށް ގެންދަވާފައިވެއެވެ. މީގެތެރެއިންވެސް އެއްފަހަރާ އެންމެ ގިނަ ގަސް އިންދުމުގެ ރިކޯޑް އޮތީ، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައެވެ. އެ ސަރވިސްއިން ވަނީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު 13000 ގަސް އިންދާފައެވެ. މި އަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން މިނިވަން މުއައްސަސާތަކުން އިސްނަންގަވައިގެންވެސް ދެވަނަ ފިޔަވަހީގައި ގަސްއިންދުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަނީ ހިންގަވާފައެވެ. މި ޕްރޮގްރާމް ހިންގެވީ މި ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. 

މި ޕްރޮގްރާމްގައި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމުން ވަނީ ބައިވެރިވެ މުހިންމު ދައުރެއް އަދާކޮށްފައެވެ. ދެވަނަ ފިޔަވަހީގެ ގާތްގަނޑަކަށް 80 ހެކްޓަރު މިހާރު ވަނީ ފެހިކުރެވިފައެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރެޝަން އެޗްޑީސީން ވަނީ، ދެވަނަ ފިޔަވަހީގައި ގަސްއިންދަން ބޭނުންވާ ހުރިހާ މުއައްސަސާއަކަށް ފުރުޞަތު ހުޅުވާލާފައެވެ.