ޚަބަރު

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއް


  • އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ސުކޫތެއްވެސް އޮންނާނެ

  • އެންޑީއެމްއޭއިން އިންތިޒާމްކުރާ ސުނާމީ ކާރިސާއާގުޅޭ ފޮޓޯ މައުޒަރެއް އޮންނާނެ

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ދަތިތަކުން އަރައިގަތުމަށްޓަކައި އެއްބައިވެ ދިވެހިންކުރި މަސައްކަތް އަގުވަޒަންކޮށް، އެ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ މަތިން ހަނދާންއާކުރުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި މަލާފަތާއި ކޭމާއި ތަށިބަރިފަދަ ހަދިޔާތައް އެއް ރަށުން އަނެއް ރަށަށް ފޮނުވުމުގެ ހަރަކާތެއް އޮންނާނެކަމަށެވެ. އަދި މިއީ ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ހަރަކާތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވީ ހަދިޔާ ފޮނުވުމުގެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ލިމިޓެޑް، އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ނިޒާމު މެދުވެރިކޮށް އެ ކުންފުނިން ހަމަޖައްސާފައިވާކަމަށެވެ.

ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވީ ރަށަކަށް ފޮނުވާ ހަދިޔާއާއެކު އެ ރަށަކަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެކަން ދޭހަވާ މެސެޖެއްވެސް ލިޔުމުން ފޮނުވަންޖެހޭނެ ކަމަށެވެ. މިއީ ރަށްރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާގޮތަށް ކުރިއަށްގެންދާ ހަރާކާތެކެވެ.

ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވީ ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ސުކޫތެއް އޮންނާނެ ކަމަށެވެ. 9:23 އަކީ 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ސުނާމީ އެރި ގަޑިއެވެ.

ވެރި ރަށް މާލޭގައި ސުކޫތު ރަސްމީކޮށް އޮންނާނީ ކުރީގެ ހުރަވީ ބިލްޑިންހުރި ބިމުގައެވެ. މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި އެ ސަރަހައްދުގައި ހުންނަ ސަރުކާރު ހުރިހާ އޮފީހެއްގެ މުވައްޒަފުން ބައިވެރިވާނެކަމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރަށްރަށުގައި ސުކޫތު އިންތިޒާމްކުރާނީ ރަށު ކައުންސިލްތަކުންކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ. އަދި ސުކޫތު ނިންމުމަށްފަހު މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ އަތު ގުޅާލުމެއްވެސް އޮންނާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ނެޝަނަަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ސުނާމީގެ ހަނދާންތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއްވެސް އޮންނާނެއެވެ. މި މައުރަޒު އޮންނާނީ ހެނދުނު 11:00 ޖަހާއިރުއެވެ.

26 ޑިސެންބަރު 2004 ވަނަ ދުވަހަކީ މުޅި ރާއްޖޭގެ ކުލަވަރު ބަދަލުކޮށްލި ދުވަހެކެވެ. އެތައް ބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން ދިޔައެވެ. މީހުން ދިރިއުޅެމުންދިޔަ ބައެއް ރަށްތައް ފަޅުވެ، އެހެން ރަށްރަށަށް މީހުން ބަދަލުކުރަންޖެހުނެވެ. ކާޑަށް ޖެހި، ޓެންޓުތަކުގައިވެސް މީހުން ދިރިއުޅެންޖެހުނެވެ. މި ކާރިސާގައި 82 މީހަކު މަރުވިއެވެ.

މި ހިތާމަވެރި ކާރިސާއިން އަރައިގަތުމަށް ދައުލަތާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއްކުރަންޖެހުނެވެ. މި މަސައްކަތުގައި އާދަޔާޚިލާފު އެއްބައިވަންތަކަމެއް ދިވެހިން ދެއްކިއެވެ. އެހެންކަމުން ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަކުރަނީ އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ނަމޫނާގެ ސަބަބުންނެވެ.