ޚަބަރު

ނާޒިމަށް ޙުކުމްކޮށްފައިވަނީ ރަނގަޅަށް- ސުޕްރީމްކޯޓު


ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުނު ކުށް ސާބިތުވެ، ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވީ ކާނަލް ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދުކުރައްވާފައިވާ މައްސަލަ ސުޕްރީމްކޯޓްގައި އިސްތިޢުނާފްކުރުމުން، އެމައްސަލަ ސްޕްރީމްކޯޓަށް ބަލައިނުގަތުމަށް މިއަދު ނިންމެވި ނިންމެވުމުގައެވެ.

ސުޕްރީމް ކޯޓްގެ ނިންމެވުމުގައި ވަނީ ނާޒިމްގެ މައްސަލައަކީ ހައިކޯޓްގެ އިސްތިޢުނާފް މަރުޙަލާގައި ބައްލަވާ ފައިސަލާކުރަނިވި ޙުކުމެއް ކުރައްވާފައިވާ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމްކޯޓްގައި އިލްތިމާސްކުރުމަށް ހުށައެޅި ސަބަބުތަކަށް ބައްލަވާއިރު ހައިކޯޓްގެ ޙުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ބެލެވެން ނެތްކަމަށެވެ. ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދީ ޤާނޫނީ ހަމަތަކާ އެއް ގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށްވެސް ސުޕްރީމްކޯޓްގެ ނިންމެވުމުގައިވެއެވެ.

ހައިކޯޓްގެ ޙުކުމަށް ބަދަލުގެ ގެންނަންޖެހޭ ފަދަ ޝަރުޢީ އަދީ ޤާނޫނީ އެއްވެސް ސަބަބެއް ނެތުމުން ނާޒިމްގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިޢުނާފްކުރެއްވި މައްސަލަ ބަލައިނުގެންނެވުމަށް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމަވާފައިވާ ކަމަށްވެސް ސުޕްރީން ކޯޓްގެ ނިންމެވުމުގައިވެއެވެ.

ނާޒިމް އިސްތިޢުނާފްކުރެއްވި މައްސަލަ ބަލައިނުގެންނެވުމަށް އެ މަރުޙަލާގައި ހިމެނޭ އެންމެ މަތީ ކޯޓްކަމުގައިވާ ސުޕްރީމްކޯޓުން ނިންމަވާފައި މިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާކަމަށް މިދިޔަ ބުދަދުވަހުގެ ރޭ ފުލުހުން ހާމަކުރައްވާފައިވަނިކޮށެވެ. އަދި ފުލުހުން ތައްޔާރުކުރެއްވި ޑީއެންއޭ ރިޕޯރޓް ސްޕްރީމްކޯޓަށް ހުށައަޅުއްވައި، އެ ރިޕޯރޓާމެދު ވާހަކަ ދައްކަވަން ބޭނުންފުޅުވާކަމަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެސް ވަނިކޮށެވެ.