ޚަބަރު

އަލްކައުން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


އަލްކައުން ޤުރުއާން މުބާރާތް 1437 ގެ އެއްވަނަ ޢާއިޝަތު އަފާ އަސްލަމް ހޯދައިފިއެވެ.

މި މުބާރަތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ ގޮތުން އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ އަލްކައުނުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ އިނާމު ހުށަހަޅުއްވާފައިވެއެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކާއި ހެޔޮއެދޭ ފަރާތްތަކުންވެސް އަގުހުރި އިނާމްތަކެއް ހުށައަޅުއްވާފައިވެއެވެ.

އަލްކައުން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްޤާރީ ޢަލީ ވަޙީދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރީން ގުރުއާން ކިޔެވުމުގެ މުބާރާތްތައް ބޭއްވި ނަމަވެސް އޭރު އެކަން ކުރައްވަނީ މާގިނަ ވަޞީލަތްތަކާއި، ތައްޔާރީތަށް ފުރިހަމަނުވެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއްވުމުގެ ވަޞީލަތްތައް މިހާރު ތަނަވަސްވެފައިވާކަން ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ.

ރޭގެޖަލްސާގައި ވަނީ "ޢާއިޝާ" މިނަމުގައި މުޅީން އާ މަދަހަ ސީޑީއެއް ނެރުއްވާފައެވެ. އަމިއްލަ ފަރާތެއްކަމުގައިވާ ޢަބްދުﷲ ޒުބައިރު 2004 ވަނަ އަހަރު ފެއްޓެވި މަސަކަތުން ނެރެފައިވާ މި މަދަޙަ ސީޑީ ނެރެދެއްވީ އޭނާގެ މަންމައެވެ.