ދީން

ހައްޖާޖީން ދަތުރުކުރާ އެއަރލައިނާއެކު ސޮއިކޮށްފި


ޙައްޖު ކޯޕަރޭޝަނުން 1437ވަނަ އަހަރު ޙައްޖަށް ގެންދާ ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވާ ސަޢޫދީ އެއަރލައިނާއެކު ސޮއިކޮށްފިއެވެ.

ފާއިތުވެދިޔަ ދެއަހަރާ ޚިލާފަށް، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޙައްޖުވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ، ސަޢޫދީ އެއަރލައިނުން ޙައްޖުވެރިންގެ ދަތުރުތަކަށް ޚާއްޞަ 4 ފްލައިޓެއް އޮންނާނެ ކަމަށެވެ. އަދި ފާއިތުވި ދެއަހަރު ޙައްޖާޖީންގެ ލަގެޖަށް 30 ކިލޯ ލިބުނުއިރު އެ ޢަދަދު ސަޢޫދީ އެއަރލައިނުން މި އަހަރު، ޒަމްޒަމް ފެންފުޅި ނުލާ 40 ކިލޯއަށް އިތުރުކޮށްދީފައިވާކަމަށްވެސް ޔާމިން ވިދާޅުވިއެވެ. އަދި ސަޢޫދީ އެއަރލައިނުން ޙައްޖުވެރިން ގޮވައިގެން ކުރާ ދަތުރަކީ، މާލެއިން ސީދާ ޖިއްދާއަށް ކުރާ ދަތުރުތަކެއްކަންވެސް ޔާމިން ފާހަގަކުރެއްވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަޢޫދީ އެއަރލައިން ހިންގާ ކުންފުނި، އެއިރޯ ވޯލްޑްގެ ސީއީއޯ، ހިޝާމް ޝުމްސް ވިދާޅުވީ، ކުރިން ޗަރޓަރ ފްލައިޓްތަކުގައި ރާއްޖޭގެ ޙައްޖުވެރިން އުފުލިނަމަވެސް ސަޢޫދީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ރާއްޖޭގެ ޙައްޖުވެރިން އުފުލުމުގައި ފަސޭހަތަކެއް ލިބިފައިވާކަމަށެވެ.

1994 ވަނަ އަހަރުން ފެށިގެން ސަޢޫދީ އެއަރލައިނުން އަންނަނީ ދިވެހި ޙައްޖާޖީން އުފުލަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މޫކައި ސުއިޓްސްގައި ބޭއްވި ރަސްމިއްޔާތުގައި،ޙައްޖުކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސްއެވެ. އަދި ސަޢޫދީ އެއަރލައިންގެ ފަރާތުން ސޮއި ކުރެއްވީ އެ އެއަރލައިން ހިންގާ ކުންފުނި އެއިރޯވޯލްޑްގެ ސީއީއޯ ހިޝާމް ޝުމްސްއެވެ.