ޚަބަރު

ސަކާއަށް އަނިޔާވެ ކުޅުމާ ދުރަށް


އާސެނަލްގެ ފޯވަޑް ބުކަޔޯ ސަކާއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

ސަކާ އަށް އަނިޔާ ވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން އާސެނަލް ވަނީ 5-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް އާސެނަލް ކުޅުނު 24 މެޗުގައި އޭނާ ވަނީ 9 ގޯލު ޖަހާ 13 ލަނޑު ޖެހުމަށް މަގު ތަނަވަސްކޮށްދީފަ އެވެ.

އާޓޭޓާ ބުނެފައިވަނީ ސަކާ އަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ކަމަށާއި އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި ނަމަވެސް ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި ސީޒަނުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުނު ނަމަވެސް އެކަމަށް ގޮތްތަކެއް ހޯދާފައިވާ ކަމަށާއި އަދި މިހާރު ސަކާ ނެތްތަން ފޫބެއްދޭނެ ގޮތަކާއިމެދު ވިސްނަމުންދާ ކަމަށްވެސް އާޓޭޓާ ވަނީ ބުނެފަ އެވެ.

2018 ވަނަ އަހަރު އާށެނަލް އާއި ގުޅުނު ސަކާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 250 މެޗުގައި 67 ލަނޑު ޖަހާފަ އެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ވަނީ 47 މެޗުގައި 20 ލަނޑު ޖަހާފަ އެވެ.