ދީން

ބޮޑު ޖަމާޢަތުގައި ދަމު ނަމާދުކުރުމަށް ހުރިހާ ރަށެއްގައި ފަށައިފި


ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.

ބޮޑު ޖަމާޢަތުގައި ދަމުނަމާދުކުރަން ރޭ ފެށިއިރު، ފާއިތުވެދިޔަ އަހަރުތައް ފަދައިން މިއަހަރުވެސް މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ފުރޭވަރަށް އެ މިސްކިތަށް މީހުން ދަމުނަމާދަށް ޖަމާވެފައިވެއެވެ. އިސްލާމީ މަރުކަޒުގައި ދަމުނަމާދުކުރުމަށް އަންހެނުންނަށް ޚާއްޞަ ބައިތަކެއް ތަނަވަސްކޮށްދެއްވާފައިވެއެވެ. އިސްލާމީ މަރުކަޒުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނިޓްގައެވެ. ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުން އިސްލާމީ މަރުކަޒުގައި ދަމުނަމާދުގެ އަށްރަކުޢަތާއި ވިތުރީގެ 3 ރަކުޢަތްކުރެއެވެ.

މިސްކިތުގައި އިމާމުވެ ދަމުނަމާދުކުރައްވަނީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި ޖަމާޢަތުގައި ދަމުނަމާދުރާނެ 12 މިސްކިތެއް ކަނޑައަޅުއްވައި، އިމާމުން ހަމަޖައްސަވާފައެވެ. އެ މިސްކިތްތަކަކީ: -

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް.ނޫރުމިސްކިތްއިސްކަންދަރު މިސްކިތްޝަހީދު ޢަލީ މިސްކިތްއިބްރާހީމީ މިސްކިތްޞަލާޙުއްދީން މިސްކިތްފުރުޤާން މިސްކިތްޢަފީފުއްދީން މިސްކިތްޝަހީދު ޢަބްދުއްރަޙުމާން މިސްކިތްމަސްޖިދު މުޙައްމަދު ބިން ޢަބްދުﷲޙަސަން ޢިއްޒުންދީން މިސްކިތްޖަލާލުއްދީން މިސްކިތްއިސްލާމިކް މިނިސްޓްރީން ވިދާޅުވާގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި ބޮޑުޖަމާޢަތުގައި މި ރަމަޟާންމަހުގެ ފަހުދިހައިގައި ދަމުނަމާދުކުރާނެ މިސްކިތް ކަނޑައެޅުއްވުން ދޫކޮށްލައްވާފައިވަނީ އެ ރަށެއްގެ ކައުންސިލަށެވެ.