ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އައްޔަންކޮށްފި


ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ގދ. މަޑަވެލި، ނެޕްޗޫން މުޢާޒު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަކިކޮށްފައިވާކަމަށެވެ.

އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ. ޔެލޯރޯޒް 2، މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް މިއަދު އައްޔަންކޮށްފައިވާކަމަށް ޕީސީބީން ވިދާޅުވިއެވެ.

ޤައުމީ ދިފާޢީ ބާރުގައި 21 އަހަރުވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

28 ނޮވެންބަރު 2023 ގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކުރެއްވި މުޢާޒް އިސްތިއުފާ ދެއްވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ އިޚުލާސްތެރިކަމާއެކުގައިކަމަށެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ކުންފުނިތައް ހިންގުން ބައްޓަން ކުރަންޖެހެނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ކަމަށްވިނަމަވެސް ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަމަށެވެ. އެގޮތުން، ކުންފުންޏާ ހަވާލުވިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއެކު ކުންފުންޏަށް އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފާ ހަމަޖައްސަން ޖެހުމާއެކު މުވައްޒަފަށް ކޮންމެހެން ބޭނުންވާ މިންވަރަށް މުވައްޒަފުން އަދަދު މަދުކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާގުޅުންހުރި އިދާރާތަކުން ނުލިބޭކަން މުޢާޒް ފާހަގަކުރެއްވިއެވެ. އަދި ކުންފުންޏަށް ލިބިފައިވާ އާމްދަނީއަށްވުރެ ކުރަންޖެހިފައިވާ ޚަރަދުތައް ގިނަކަންވެސް އޭނާ ވިދާޅުވިއެވެ.