ރޯދަމަހަކީ ގިނަވަގުތުތަކެއްގައި ނުކައި ތިބޭ މަހަކަށްވާއިރު، މި މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ކަންކަން ޞިއްޙަތަށް އެންމެ ރަނގަޅުވާނެ ގޮތަށް ބައްޓަންކުރަން ޖެހެއެވެ. ޚާއްޞަގޮތެއްގައި ފެނާއި ދިޔާތަކެތި ބުއިމަށް ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމެއްކަމަށް ޞިއްޙީ މާހިރުން ލަފާދެއްވައެވެ.
ރޯދަމަހަކީ ދުވާލިގަޑީގައާއި، ރޭގަނޑުގެވެސް ގިނަ ވަގުތުތަކުގައި ކެއިން ބުއިމާ ދުރުގައި ހޭދަކުރާ މަހަކަށް ވާއިރު، މިދުވަސްތަކުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިއްބައިދިނުމަށްޓަކައި ރޭގަނޑުގެ ވަގުތުތަކުގައި ފެނާއި ދިޔާ ތަކެއްތި ބޭނުންކުރުން ވަރަށް މުހިންމެވެ. ރޯދަ ވީއްލާ ވަގުތު ބައެއް ފަރާތްތަކުން ގިނައަދަދަކަށް ފެނާއި ދިޔާ ތަކެތި ބޭނުން ކުރަމުން ގެންދާއިރު، އަނެއްބަޔަކު ދިޔާ ތަކެތި ގިނައިން ބޭނުންކުރުމުގެ ބަދަލުގައި އިސްކަންދެވޭނީ ތަފާތު ބާވަތް ބާވަތުގެ ކާއެއްޗެހި ކެއުމަށެވެ.
ރޯދަމަހު ދިޔާ ތަކެތި ބޭނުންކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ ފާޠިމަތު ޠާހިރާ ވިދާޅުވީ ކާނާގެ ބާވަތްތައް ގިނައަދަދަކަށް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އެހެން މަސްމަހެކޭ އެއްގޮތަށް ރޯދަމަހުވެސް ހަށިގަނޑަށް ގިނައަދަދަކަށް ފެން ބޭނުންވާނެކަން ޠާހިރާ ފާހަގަކުރެއްވިއެވެ.
"ރޭގަނޑުގަޑީގައި 8 ތަށި ފެންބޭނުން ކުރަންޖެހޭނެ. ހަށިގަނޑު ގުނަވަންތައް މަސައްކަތް ކުރުމަށް ފެން ވަރަށް މުހިންމުވާނެ. އަދި ހަށިގަޑުގެ ޓެމްޕަރޭޗަރ ކޮންޓްރޯލް ކުރުމަށްވެސް ނުވަތަ ފިނި ހޫނުމިން އެއް މިންވަރެއްގައި ބެހެއްޓުމާއި ހަށިގަނޑުގައި ހުންނަ ނޭދެވޭ މާއްދަތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ." ކަމަށް ޠާހިރާ ވިދާޅުވިއެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދިއުމުގެ ނިޒާމްގައި ޖަރާސީމް އުފެދުމަށް މަގުފަހިވާކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ގިނައިން ފެން ބޭނުންކުރުމަކީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަންތަކެވެ. މީގެ އިތުރުން ކިޑްނީގެ ދުޅަހެޔޮކަމަށާއި ކުޑަކަމުދާ ނިޒާމުގެ ދުޅަހެޔޮކަމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ.
މިފަދަ ކަންތައްތަކުން ރައްކާތެރިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކެއިންބުއިމުގެ ވަގުތުތަކުގައި ފެން ގިނައިން ހުންނަ ބާވަތްތަ އިތުރުކުރެވިދާނެއެވެ. ތަފާތު ބާވަތް ބާވަތުގެ ފަނިގިނަރައިގެން ބޭނުން ކުރާއިރު، ހަކުރު މަދުކޮށް ބޭނުންކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ތައްޔާރުކުރާ އެކި ބާވަތް ބާވަތުގެ ކެއުންތަކަށްވުރެ ދިޔާތަކެއްޗަށް ދޭންވާ ސަމާލުކަން އިތުރުކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެކެވެ.