ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ބޭއްވި ފުރަތަމަ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ މުބާރާތުން ހޯދި ކާމިޔާބީތަކާއެކު ރާއްޖޭގެ އުންމީދީ ޓެނިސް ތަރި އާރާ އާސާލް އާޒިމް ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
އާރާ ވަނީ ރާއްޖޭގައި އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް 16 އަހަރުން ދަށުގެ ޖޫނިއާ އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. މުޅި މުބާރާތުގައި ވެސް އާރާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މުބާރާތުގެ އެކި ވަނަވަނައަށް ދިޔަ ކުޅުންތެރިންނާއި ޕެއާތަކަށް ވަނީ އިނާމު ދީފައެވެ. މި އިނާމުތައް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި ހޮންކޮންގެ ހިއު ލަމް އެލާއާއި ވާދަކޮށް ސީދާ ދެ ގޭމުންނެވެ. އެއީ 6-2 އަދި 6-3 އިންނެވެ. އޭޓީއެފް މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ކުޅެގެން 6-0، 6-4 އިންނެވެ.
މީގެއިތުރުން މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާގައި ވެސް އާރާ ހިމެނެއެވެ. ޑަބަލްސްގެ ޕެއާއެއްގެ ގޮތުގައި އާރާއާއެކު ކުޅުނީ ނަޔާރާ އުސާމާ އަލީ އެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން ފައިނަލުގައި ނިކުތީ ރާއްޖޭގެ އައިޝަތު ކެރީން ސައިޒާން އާއި ހޮންގް ކޮންގްގެ ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.
މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކެރީން އާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާއިންނެވެ. އެ ޕެއާއިން ފައިނަލުގައި ވާދަކޮށްފައިވަނީ ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ އާއެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 6-1، 6-2 އިންނެވެ.
ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނުނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރިއެވެ.