ސިއްހަތު

ދަމަނަވެށިން ދެވޭ ޚިދުމަތްތައް އިތުރުކޮށް، ފެންވަރު ރަނގަޅުކުރަނީ


ޞިއްޙީ ބައެއް ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާ ދަމަނަވެށިން، ފުރާވަރު ޢުމުރުފުރައިގެ ކުދިންނަށް ދެއްވާ ޚިދުމަތްތައް އިތުރުކުރައްވަން ޤަޞްދުކުރައްވާކަން، އެ ސެންޓަރުން ހާމަކުރައްވައިފިއެވެ. ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ޢާއިޝަތު އަރޫނާ ވިދާޅުވީ ކެންސަރަށް ސްކްރީން ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށްވެސް އެ ސެންޓަރުން ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާކަމަށެވެ.

ދަމަނަވެށީގެ ވާހަކަ ބުނުމުން، ގިނަބައެއްގެ ހިތަށް ވަންނަނީ، އެއީ ކުޑަކުދިންނަށް ވެކްސިންދީ ކުދިންގެ ބަރުދަން ބެލުންފަދަ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ތަނެއްގެ ގޮތުގައެވެ. އެހެން ހީވަނީ ދަމަނަވެށިން އެންމެ ގިނަ ބަޔަކު ލިބިގަންނަނީ އެ ޚިދުމަތަށްވާތީ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ތަފާތު ގިނަ ޚިދުމަތްތަކެއް ދަމަނަވެށިން މިހާރުވެސް ދެއްވަމުން ގެންދަވައެވެ. އެތަނުން ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި ވެކްސިންދެއްވުމާއި، ކައުންސިލިންގެ ޚިދުމަތް ދެއްވުމާއި ފުރާވަރުގެ ޢުމުރުގެ ކުދިންގެ ޞިއްޙަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު އެ ޢުމުރުގެ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނަށް ދެއްވުން ހިމެނެއެވެ.

10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ޞިއްޙީ ޙާލަތު ދެނެގަތުމުގެ ގޮތުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތްވެސް ދަމަނަވެށިން ދެއްވައެވެ. އަދި ޢުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންގެ ހެދިބޮޑުވާ މިންވަރު ބެލުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތައް ދެނެގަނެ އެފަދަ މީހުންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދެއްވުމުގެ ކްލިނިކާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކްލިނިކެއްގެ ޚިދުމަތްވެސް ދަމަނަވެށިން ދެއްވަމުން ގެންދަވައެވެ. ސަރވިކަލް ކެންސަރ ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރއަށް ސްކުރީނިންގ ކުރުމުގެ ޚިދުމަތަކީވެސް ދަމަނަވެށިން ދެއްވާ ޚިދުމަތެކެވެ.

މިޚިދުމަތްތަކުގެ އިތުރުން ފާހަގަކޮށްލެވޭ ޚިދުމަތަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލިއެނދުގައި ތިބޭ މީހުންނަށް ޚިދުމަތް ދިނުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދަމަނަވެށިން ގެންދަވަނީ ޚިދުމަތް ދެއްވަމުންނެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުންނަ ބަލިތަކަށް ފަރުވާދޭ ކުލިނިކުން ހަކުރުބައްޔާއި، ކޮލެސްޓްރޯލާއި ލޭމައްޗަށް ދިއުން ފަދަ މައްސަލަތަކަށް ބޭސްފަރުވާދެއްވައި، ކެއުމުގެ އާދަކާދަ، ވިދާޅުވެއްދައި، އެހީތެރިކަން ދެއްވުމަކީވެސް ދަމަނަވެށިން ދެއްވާ ޚިދުމަތްތަކެކެވެ. އެ ސެންޓަރުން އާންމުކޮށް ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި ޓްރެވެލް ވެކްސިނާއި ޙައްޖާއި ޢުމުރާއަށްދާ މީހުންނަށް ވެއްސިން ދެއްވުން ހިމެނެއެވެ. އަދި މެލޭރިއާއިން ރައްކާތެރިވާ މީހުންނަށް ބޭނުންވާ ބޭސްވެސް މި ކުލިނިކުން ދެއްވައެވެ. ދަމަނަވެށީން އެންމެ ގިނައިން ހޯދާ އެއް ޚިދުމަތަކީ ވެކްސިން ދިނުމާއި ބަރުދަން ބެލުންކަމަށް ދަމަނަވެށިން ވިދާޅުވެއެވެ. ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ. ޢާއިޝަތު އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ކުލިނިކުގެ ޚިދުމަތް ގިނަފަރާތްތަކުން ހޯދަމުން އަންނަ ކަމަށެވެ. ދަމަނަވެށިން މިހާރު ދެއްވަމުން ގެންދަވާ ޚިދުމަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރައްވައި ފުޅާކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.