މާލޭސިޓީގެ ކަރަންޓް އަޕްގްރޭޑް ކުރުމަށް ހުޅުމާލޭގައި ޤާއިމު ކުރެއްވުމަށް ހަމަޖެހިފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މިހާރު ކުރިޔަށްދަނީ ޑިޒައިންގެ މަސައްކަތްތަކާ ބައެއް ސާވޭތައް ކުރުމުގެ މަސައްކަތް ކަމަށެވެ.
ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 50 މެގަވޮޓްގެ މުޅިން އާ އިންޖީނުގެއެކެވެ. މާލެއާ ހުޅުލެއާ ދެމެދު އަޅާ ބުރިޖުގެ ޒަރީއާއިން މާލެއާ ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި 50 މެގަވޮޓް އިންޖީނުގެ ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު ހުޅުމާލޭގައި މިހާރު ހުރި އިންޖީނުގެ އަޕްގްރޭޑް ކުރުމަށް 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެ އެވެ.
މާލެ ސިޓީގެ ކަރަންޓް ޚިދުމަތް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ޓްރާންސްފޯމަރުތައް އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. އަދި އިތުރު 15 ޓްރާންސްފޯމަރު ގެނައުމަށް އިއުލާން ކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މާލެއަށް ކަރަންޓް ދިނުމަށް ޖަނަރޭޓަރު ސެޓްތައް އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެ އެވެ. މިގޮތުން މާލެއަށް އިތުރުކުރެވޭ 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ޖުލައިމަހު ފަހުކޮޅު ކޮމިޝަން ކުރެވޭވަރު ވާނެކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މީގެ އިތުރުން 8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނައުމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށާއި، އެ ޖަނަރޭޓަރު އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭވަރު ވާނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރުތަކާއެކު ސްޓެލްކޯގައި ބޭނުންކުރާ ޖަނަރޭޓަރުތަކުގެ އަދަދު 30 އަށް ބަދަލުކުރެވޭނެ ކަމަށެވެ. ހަމަ އެއާއިއެކު މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ގާތްގަޑަކަށް 70 މެގަވޯޓަށް އިތުރުވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެ އެވެ.