ޚަބަރު

ޕެލަސް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް


ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.

އާސެނަލް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން 33 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ކްރިސްޓަލް ޕެލަސް އަށް 17 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ 15 ވަނައިގަ އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި އާސެނަލްގެ ގެބްރިއަލް ޖީސޫސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ 11 މަސް ދުވަހަށްފަހު ޖީސޫސް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

ނަމަވެސް އޭގެ 5 މިނިޓް ފަހުން ޕެލަސްގެ އިސްމައިލާ ސާރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އާސެނަލް އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި ގެބްރިއަލް ޖީސޫސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން 7 މިނިޓަށް ވެފައިވަނިކޮށް ކައި ހަވާޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިއިރު އާސެނަލް އިން 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތްއިރު, މެޗުގެ 60 ވަނަ މިނިޓުގައި ގެބްރިއަލް މާޓިނޭލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ޑެކްލަން ރައިސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.