ޚަބަރު

ކޯސްޓްލައިން އަލިފާނުގައި ގެއްލުންވި ފަރާތްތަކަށް އެހީދީ ނިމިއްޖެ


ކޯސްޓްލައިން ފިހާރައިގައި އަލިފާންރޯވެ އެސަރަޙައްދުގެ ބައެއް ގެތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ސަރުކާރުގެ ބެއްލެވުމުގެ ދަށުގައި ތިބި ހުރިހާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ނިމިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން ވިދާޅުވީ، ވަކި ޓައިމްލައިނެއް ކަނޑައެޅުއްވުމަށްފަހު އެންމެ ބޮޑަށް ގެއްލުންވި ގެތަކައްވެސް މަރާމާތުކުރުމަށް ފައިސާއާއި، މުއްދަތެއް ދެއްވި ކަމަށާއި، މިހާރު އެހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު އެއްވެސް ޢާއިލާއެއް ޑިޒާސްޓަރ މެނޭޖްމަންޓް ސެނޓްރަގެ ހަވާލުގައި ނެތްކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވީ ހޯމަ ދުވަހު ހަވީރު، މާފަންނު އޯޝަންލީޑްގައި ހުންނަ ކޯސްޓްލައިންގެ ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި ގެތަކުގެ 136 މީހަކަށް ހަމަ އެވަގުތުން ފެށިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެހީތެރިވެދެއްވަން ފެށްޓެވިއެވެ. އޭގެ ތެރޭގައި ވަރަށް ކުޑަ ގެއްލުންތައް ލިބުނު ގެތަކާއި އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބުނު ގެތަކުގެ ޢާއިލާތައް ހިމެނެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ނާއިބު ފާތިމަތު ތަސްނީމް ވިދާޅުވީ، ހުރިހާ ޢާއިލާތަކަށްވެސް ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދެއްވަން ސަރުކާރުން ފެއްޓެވިކަމަށެވެ. އަދި ދާއިމީ ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކޮށްދެއްވުމުގެ ގޮތުން މިހާރު އެޢާއިލާތަކަށް މާލީ އެހީ ފޯރުކޮށްދެއްވާފައިވާ ކަމަށް ތަސްނީމް ވިދާޅުވިއެވެ.

ތަސްނީމް ވިދާޅުވީ، ގެއްލުންވި ޢާއިލާތައް އެސެންޓަރުން ވަކި މުއްދަތެއް ވަންދެން ބެލެހެއްޓެވި ކަމަށާއި، ސިފައިންނާއި ޑިޒާސްޓަރގެ ޓީމަކުން ހެއްދެވި އެސެސްމަންޓެއްގެ ދަށުން އެ ފަރާތްތަކުގެ ގެތައް މަރާމާތުކުރުމަށް ވަކި މުއްދަތެއް ދެއްވާފައިވާ ކަމަށެވެ.

ކޯސްޓްލައިން ހާޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތަކަށް ސަރުކާރުން ވެދެއްވި އެހީގެ ފައިސާއާއި، ކޯސްޓްލައިން ހާޑްވެއަރ އަދި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަދިޔާކުރި ފައިސާ ހިމެނޭހެން ތިން މިލިޔަން ހަސަތޭކަ ވިހިހާސް ސަތޭކަ ފަންސާސް ރުފިޔާ އެފަރާތްތަކަށް ފިނޭންސް މިނިސްޓްރީ އާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިވަޑައިގެން ގެއްލުމުގެ ކުޑަބޮޑުމިނަށް ބެއެއްލެވުމަށްފަހު ވަނީ ބައްސަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ދެއްވި 2.6 މިލިއަން ރުފިޔާއާއި ކޯސްޓްލައިންގެ ފަރާތުން ދެއްވި 1 މިލިޔަން ރުފިޔާގެ އިތުރުން އަމިއްލަ ފަރާތަކުން ދެއްވި ފައިސާގެ އެހީއެވެ. މި ފައިސާ ބެއްސެވީ އަލިފާނުގެ ޙާދިސާގައި ގެއްލުންވި އެ ސަރަޙައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުމަށް ޢިމާރާތްކުރުމަށް ހިނގާ ޚަރަދުގެ ސާޅީސް އިންސައްތަ ދެއްވާގޮތަށެވެ. އަދި ހިފާގެންގުޅޭ ސާމާނު ހަލާކުވެފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އެ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވުންވެސް ހިމެނެއެވެ.

ފައިސާ ދޫކުރެއްވީ ގެއްލުންވި ޖުމުލަ 34 ފަރާތަކަށެވެ. އެއީ ގޭބިސީތަކާއި، އެސަރަޙައްދުން އެނދި ދެ ފިހާރައެއްވެސް ހިމެނޭގޮތަށެވެ. މި ހުރިހާ ފަރާތަކަށްވެސް ފިނޭންސް މިނިސްޓްރީ މެދުވެރިވެވަޑައިގެން ފައިސާ މިހާރުވަނީ ރައްދުކޮށްދެއްވާފައެވެ. މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވި ނަމަވެސް ބައެއް ގެތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާތީ އަދިވެސް ބައެއް ޢާއިލާތަށް ދިރިއުޅެމުންދަނީ އެ ފަރާތްތަކުން އަމިއްލައަށް ހަމަޖައްސާފައިވާ ތަންތަނުގައިކަން ފާހަގަކޮށްލެވެއެވެ. މީގެތެރެއިން އެއް ޢާއިލާއަކުން ބުނީ ގެ ހަދަން ނިންމާފައިވަނީ ލޯނެއް ހޯދައިގެންކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭވަރު ވާނެކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާގެ ގޮތުގައި ފާހަގަވި މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމް.އެންޑީއެފް އިން ތަހްޤީޤުގު ކުރައްވަމުން ގެންދަވާއިރު، ފުލުހުން ވިދާޅުވީ އަދިވެސް އެހާދިސާގެ ތަހްޤީޤު އެއްކޮށް ފުރިހަމަ ނުކުރެވޭ ކަމަށެވެ.

ކޯސްޓްލައިންގެ ފިހާރައިގައި އަލިފާން ރޯވެ، 4 ގަޑިއިރު ވަންދެން އަލިފާންގަޑު ކޮންޓްރޯލް ނުވެ، ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފިހާރައިގެ ވަށައިގެން ހުރި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި ބައެއް ގެތަކުގައި ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.