ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރައްވައިފިއެވެ.
ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
މިބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި މިނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ވިނަރެސް ޓަވަރުތަކުގެ އެޕާޓްމަންޓެއް ހޯދިގޮތާމެދު ޝުޢައިބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ސޯޝަލް މީޑިޔާގައިވަނީ ދައުރުވެފައެވެ. މިކަމާ ގުޅިގެން ޝިފާން ކުރިން ވިދާޅުވެފައިވަނީ ރަޖުނީ ޝުޢައިބާ ގުޅޭގޮތުން އާންމުކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.