ޚަބަރު

ގޯލްޑް ކަޕް: މާލެ ސިޓީ ބަލިކޮށް އޭދަފުށި ފައިނަލަށް


ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑްކަޕް 2024 ގެ ފައިނަލުގެ ފުރަތަމަ ޖާގަ ބ. އޭދަފުށިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާލެ ސިޓީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗުގައި އޭދަފުށިން ތިން ލަނޑު ޖަހާފައިވަނިކޮށް މާލެ ސިޓީގެ ދެ ލަނޑު ޖަހާފައިވަނީ އޭގެ ފަހުންނެވެ.

މެޗުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ކާމިޔާބުކުރީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

އޭނާ މި ލަނޑު ޖަހާފައިވަނީ އިޝާން އިބްރާހީމް (ސައްޓު) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ފުރަތަަމަ އެގާރައިގައި ހިމެނިގެން އޭނާ މި މުބާރާތުގައި އޭދަފުއްޓަށް ކުޅެދިން ފުރަތަމަ މެޗެވެ. އެންމެ ފަހުން ނައިފަރާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފެނުނީ ބަަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީ ހަމްޒާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއީ އައިހަމް އަހުމަދު ނަގައިދިން ހިލޭޖެހުމަކުން ބޮލުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ތިންވަނަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މިއީ އެ ޓީމުގެ އަހްމަދު އައިހަމް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރީބައުންސް ވެގެން އޭރިއާގެ ބޭރަށް ދިޔަ ވަގުތުގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ތިން ލަނޑަށްފަހު އޭދަފުށީގެ ކުޅުން ދަށްވިއެވެ. އެ ފައިދާ ނަގައިގެން މާލެ ސިޓީން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އަލީ ޝިޔާހު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭދަފުށީގެ ގޯލްކީޕަރު ޒިޔަޒަންގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ.

ދެވަނަ ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރިލްވާން ވަހީދެވެ. މިއީ އޭރިއާތެރެއިން މާލެ ސިޓީގެ އަހުނަފް މުހައްމަދު ތަސްނީމް އަށް އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ކަވާލް އެލްވަނީ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގެ ފައިނަލުގައި އޭދަފުށި ބައްދަލުކުރަން ޖެހޭނީ މިރޭ އަލިފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިއީ މި މުބާރާތުގައި އޭދަފުށިން މާލެ ބަލިކުރި ދެވަނަ ފަހަރެވެ. ގުރޫޕް ސްޓޭޖުގައި ވެސް އޭދަފުށިން ވަނީ މާލެ ބަލިކޮށްފައެވެ.