ޚަބަރު

މަސްތުވާތަކެއްޗާއެކު ނ. ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފި


ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮަޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ގިނަ އަދަދެއްގެ ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ނ. ހޮޅުދޫއަށް މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހޮޅުދޫއަށް ދިޔަ ހޮޅުދޫ ބޯޓުން ފާބައިގެން ދަނިކޮށެވެ.

މަސްތުވާތަކެތި ކަމަށްބެލެވޭ ޕެކެޓްތަކާއި ސެލޯންކޮޅުތައް ފެނިފައިވަނީ، އޭނާ ހުއްޓުވައި އޭނާގެ އަތުގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރޭގައިއޮތް ބޮޑު 30 ޕެކެޓްގެ ތެރެއިންނެވެ. އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖުމްލަ 71 ރަބަރު ޕެކެޓާއި 230 ސެލޯފިންކޮޅު އެ ޕެކެޓްތަކުގެ ތެރެއިން ފެނިފައިވެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.