ޚަބަރު

ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު: ވަޒީރު ޝިޔާމް


  • ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައި

ސްޕޯޓްސް ފިޝިންއަށް ޙާއްޞަ ބަނދަތުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް "ބުރުނު ބޮމަ" އިފްތިތާހުކޮށްދެއްވާ ދެއްކެވިވާހަކަފަޅުގައެވެ.

"ބުރުނު ބޮމަ" އަކީ މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިގެ މުވައްޒަފުންގެ ކްލަބު، ވިޒިޓް މޯލްޑިވްސް ކްލަބް، ވީއެމްސީ އިން އަންނަ އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތެކެވެ.

މި މުބާރާތް އިފްތިތާޙުކޮށްދެއްވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުހީބު އިތުރުވަމުންދާއިރު، މިދާއިރާ އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މި ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރައްވާ ވަޒީރު ޝިޔާމް ވިދާޅުވީ ސަރުކާރުން މިދާއިރާ ފުޅާކޮށް ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމެވެ.

"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ހައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިހުރި ބަނދަރުތަކަކަށް ހެދުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ ފަސް ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މި ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސްއެކުއެވެ.

ބުރުނު ބޮމަ މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަގްވާމީ ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ މުބާރާތެކެވެ. މި ސްޕޯޓްސް ފިޝިން މުބާރާތުގައި މަސް ބޭނުމަށް ހަމަޖެހިފަވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށެވެ. އަދި މިމުބާރާތުގައި "ކެޗް އެންޑް ރިލީޒް" ފަދަ ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއެޅުމުގެ އުކުޅުތަށް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.