ޚަބަރު

މަސްތުވާތަކެއްޗާއެކު ސ. ފޭދޫން ބަޔަކު ހައްޔަރުކޮށްފި


ވިއްކަން ތައްޔާރުކޮށްފައިހުރި މަސްތުވާތަކެތިކަަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއި ސެލޯފިންކޮޅުތަކަކާއެކު ސ. ފޭދޫން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 48 އަހަރުގެ މީހެކެވެ. މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ކުދިކޮށް ބަންދުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސ. ގަން ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސ. ފޭދޫ، މަގިކެޑަގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ގެ ބަލާފާސްކުރިއިރު، މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި، ފިލުމު ހުސްކުރި ދަޅަކާއި 105 ސެލޯފިންކޮޅާއި 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.