ޖަރުމަން ބުންޑެސްލީގާގައި ރޭ ލެއިޕްޒިގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ އެއްވަނައިގައި އެހެން ޓީމު ތަކާއި ދެމެދުވާ ފަރަގު ބޮޑުކޮށްފި އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ބަޔާން މިއުނިކް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް 14 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ބަޔާން މިއުނިކް އިން ކުރި ހޯދިތާ މިނިޓެއްވެސް ނުވަނީސް ލެއިޕްޒިގްގެ ބެންޖަމިން ސެސްކޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ބަޔާން މިއުނިކް އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ކޮންރެޑް ލެއިމަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 11 މިނިޓު ފަހުން މުސިއާލާގެ އެސިސްޓަކުން ޖޯޝުއާ ކިމިޗް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ލެރޮއި ސާނޭ ކާމިޔާބުކޮށްދިން އިރު ފަސް ވަނަ ލަނޑަކީ އޭގެ ތިން މިނިޓް ފަހުން އަލްފޮންސޯ ޑޭވީސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.