އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި މިވަގުތު ޗެލްސީ އޮތް ނަމަވެސް ލީގު ހޯދުމަށް އެ ޓީމު ތައްޔާރު ނޫންކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން 16 މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ 34 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު މާދަމާ އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ވަގުތީ ގޮތުން އެ ޓީމަށް ތާވަލުގެ އެއްވަނަ މަގާމް ލިބިގެންދާނެ އެވެ.
ލީގު ހޯދުމަށް ޗެލްސީ ތައްޔާރު ނޫން ކަމަށް މަރެސްކާ ބުނި ނަމަވެސް އޭނާ ދައްކާ ވާހަކަ އާއި އޭނާގެ ވިސްނުން ދިމާ ނުވާކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 2017 ވަނަ އަހަރު ޕްރިމިއާ ލީގު ހޯދި ފަހުން ޗެލްސީއަށް އަދި ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ޓްރާންސްފާރ ވެބްސައިޓް ބުނާ ގޮތުން ޗެލްސީގައި މިވަގުތު އޮތް ސްކޮޑުގެ އަގު އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު ލީގުގެ ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ޓީމު ތަކުގެ ތެރެއިން އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމަކީ ޗެލްސީ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި ލީގުގެ ދެވަނަ މަގާމުގައި ޗެލްސީ އޮތް އިރު ޔޫއެފާ ކޮންފަރެންސް ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު މި މުބާރާތުގެ މެޗު ތަކުގައި މަރެސްކާ ބޭނުން ކޮށްފައިވަނީ މުޅިންވެސް ޒިވާން އައު ކުޅުންތެރިންނެވެ.
އެވަޓަން އާއި ދެކޮޅަށް މާދަމާ ރޭ ޗެލްސީ ނިކުންނައިރު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ 2 މެޗު އެއްވަރުކޮށްފަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުގައި އެ ޓީމުން ވަނީ 37 ލަނޑު ޖަހާފަ އެވެ.
އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޑިފެންޑަރ ރީސް ޖޭމްސް އަލުން ޓީމާއި ގުޅިފައިވާއިރު އޭނާއަށް އަރާމު ކުރަން ފުރުސަތު ދޭނެ ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ފައިގެ ސާރޖަރީއެއް ހަދާފައިވާ ޖޭމްސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް މި ސީޒަނުގައި އޭނާ ފެނިގެން ގޮސްފައިވަނީ އެންމެ ހަތަރު މެޗުންނެވެ.