މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ މޭސަން މައުންޓް އަށް އަނިޔާގެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާނެ ޖެހިފައިވާ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ފަހުން އަނިޔާގެ ސަބަބުން ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ މައުންޓް ވަނީ މިދިޔަ ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނިޓުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.
ޗެލްސީން 69 މިލިއަން ޑޮލަރުގެ ފީއަކަށް ޔުނައިޓެޑަށް ބަދަލުވި މައުންޓް އަށް މި ސީޒަނުގައި އަދި ކުޅެވިފައިވަނީ އެންމެ ހަތަރު މެޗެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު ލީގު ކަޕްގައި މިދިޔަ ހަފްތާގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި ޑިފެންޑަރ ވިކްޓަރ ލިންޑްލޯފް އަށް އަނިޔާވެ އޭނާވެސް ވަނީ މެޗުގެ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ.
އަމޮރިމް ބުނެފައިވަނީ ޓީމަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވީ ނަމަވެސް ބޭނުން ކުރެވެން ތިބި ކުޅުންތެރިންނާއެކު ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަނިޔާއިން ރަގަޅުވެ ފޯވަޑް މާކަސް ރަޝްފޯޑް އަލުން ޓީމާއި ގުޅިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗަށް ނެގި ޓީމުގައި ރަޝްފޯޑް ހިމެނިފައިނުވަނީ އަހުލާގީ މައްސަލަތަކާއި ގުޅިގެންކަމަށް މީޑިޔާ ރިޕޯޓްތައް ބުނި ނަމަވެސް އަމޮރިމް ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އޭނާ ވިއްކާލުމަށް އެ ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.