ޚަބަރު

ފާއިތުވި 24 ގަޑިއިރު މާލެއަށް 136 މިލިމީޓަރުގެ ވާރޭ


  • މާލެއަށް 136.5 މިލިމީޓަރުގެ ވާރޭވެހިފައިވޭ

  • 2 ވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށް

ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުން ދައްކާގޮތުން ހުކުރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ. އެއީ 136.5 މިލިމީޓަރުގެ ވާރޭއެވެ.

ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 117.4 މިލިމީޓަރުގެ ވާރޭއެވެ. މިވިއްސާރައިގައި އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭވެހުނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 111.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭ ވެހިފައިވެއެވެ. މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.