ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން ފެންމަތިވެގެން އުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން ކުރީގެ ހައުސިންގ މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ލިސްޓުގައި ނެތް ބަޔަކަށް ބިންވެރިޔާގެ ސްކީމުން ގޯތި ދީފައިވާކަމުގެ ލިޔުން ދޫކުރި މައްސަލާގައި އޭސީސީން ކުރިއަށްގެންދާ ތަހުޤީޤާއި ގުޅިގެނެވެ. އެގޮތުން އޭސީސީން އެދިގެން ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެފައިވާ މީހުންނަކީ ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ހައުސިންގ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް، ހައުސިންގ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ލިރުގަމް ވަހީދުއެވެ.
މި މައްސަަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން މީގެކުރިން ވަނީ އަމުރު ނެރެފައެވެ.