ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިން 1949 ވަނަ އަހަރުއެވެ. 14 ކިލޯވޮޓްގެ ކުޑަ ކެޕޭސިޓީއަކާއެކު އޭރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދިޔައީ އެންމެ 50 ވަރަކަށް ގޭބީސީއަށެވެ. ނަމަވެސް މިވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ގޮސް، މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބެމުން އަންނަ ޤައުމެކެވެ.
ކަރަންޓުގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ މައި ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއެވެ. ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި މީގެ 75 އަހަރު ކުރިން ސްޓެލްކޯގެ ޚިދުމަތް ފެށިގެން އައިސް، ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯގެ ޚިދުމަތް ދޭން ފެށީ 1997 ވަނަ އަހަރުއެވެ. 50 ވަރަކަށް ގޭބީސީއަށް ދޭން ފެށި ޚިދުމަތް ފުޅާވެ، މިއަދު ސްޓެލްކޯއިން 81 ހާހެއްހާ ކަސްޓަމަރުންނަށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ސްޓެލްކޯއިން 35 ޕަވަރ ޕްލާންޓް އޮޕަރޭޓްކުރަމުންދާއިރު، އެތަންތަނުން ދަނީ ރައްޔިތުންގެ ގޭބީސީތަކާއި ދައުލަތުގެ މުޢައްސަސާތަކާއި ވިޔަފާރިތަކަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ދަނީ އއ، އދ، އަދި ކ އަތޮޅުގެ ރަށްތަކަށްވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފެށިތާ 75 އަހަރު ފުރި އަލިމަސް ޔޫބީލް ފާހަގަކުރާއިރު ހަކަތައިގެ ދާއިރާއިން ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމާއި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ސަރުކާރާއި ގުޅިގެން ސްޓެލްކޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދިރިއުޅޭ ސަރަހައްދަކީ މާލެ ސަރަހައްދަށްވުމުން ސްޓެލްކޯގެ އެންމެބޮޑު ޒިންމާއެއް އޮތީ މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައެވެ. މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސްޓެލްކޯއިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެބޮޑު މަޝްރޫޢުއަކީ ހުޅުމާލެ ފިފްތު ޕަވަރ ޕްރޮޖެކްޓާއި މާލެ ސަރަޙައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދިޔަ އިންޓަރކަނެކްޝަން މަޝްރޫޢެވެ.
އިންޓަރ ކަނެކްޝަން މަޝްރޫޢަކީ މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާފައިވާ މަޝްރޫޢުއެކެވެ. މީގެ އެންމެބޮޑު ބޭނުމަކީ އެއް އަވަށުން ކަރަންޓު ދާ ޙާލަތުގައި އަނެއް އަވަށުން ކަރަންޓު ފޯރުކޮށްދެވޭނެ ވިއުގައެއް ގާއިމުވުމެވެ.
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްތަކުގެ ތެރެއިން 3 ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ސްމާޓު ގްރިޑު ވަނީ ޤާއިމްކޮށްފައެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ކަރަންޓު ލޯޑު މާލޭގައި ހުންނަ ސްޓެލްކޯގެ މައި އޮފީހުން ފެންނާނެހެން އެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ.
ސްޓެލްކޯއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ އެއް މަސައްކަތަކީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކޮށް ރައްޔިތުންނަށް ޖީބައް ލުއި ޙިދުމަތްތަތަކެއް ދިނުމަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫތައް ހިންގުމެވެ. އެ ރޮނގުންވެސް ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރު މަޝްރޫޢުތައްވެސް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ.
ހަކަތައިގެ ދާއިރާއިން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް މިދިޔަ 75 އަހަރު ތެރޭގައި ރާއްޖެއިން ހޯދާފައިވާއިރު، އެ ކުރިއެރުންތަކަކީ ވޭތުވެދިޔަ ދިގު މާޒީގައި ސްޓެލްކޯއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމާމެދު ޝައްކެއް ނެތެވެ.