އިނގިރޭސި ލީގު ކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ޓޮޓްނަމް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަންސާސް ހަތްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ޓޮޓްނަމްގެ ޑެޖާން ކުލުސޭވްސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި 54 ވަނަ މިނިޓުގައި ސޮލާންކޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ފުރަތަމަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ޓޮޓްނަމްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖޯޝުއާ ޒިރްކްޒީ އެވެ.
އަދި އޭގެ ހަތް މިނިޓު ފަހުން ޓޮޓްނަމްގެ ކީޕަރު ފޯސްޓަރ އޭރިޔާ ތެރެއިން ސާފުކޮށްލަން ޖެހި ބޯޅަ އަމަދު ދިއާލޯ އަށް ލިބުމުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
ޓޮޓްނަމްގެ ކީޕަރަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގާ ހަތް މިނިޓުގެ ތެރޭގައި ދެ ލަނޑު އިދިކޮޅު ޓީމުން ޖެހުމާއިއެކު ކުޅުންތެރިންނަށް މާޔޫސްކަން ލިބުނު ނަމަވެސް މެޗުގެ 88 ވަނަ މިނިޓުގައި ކެޕްޓަން ސޮން ހިއުންމިން ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޖޮނީ އިވާންސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލް އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި ނިއު ކާސަލް ޔުނައިޓެޑް އެވެ.