ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ޝެމްރޮކް ރޯވާސް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފި އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ޗެލްސީ އަށް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު 6 މެޗުންވެސް މޮޅުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ޝެމްރޮކް ރޯވާސް އަށް ހަ މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. އެހެންކަމުން ޝެމްރޮކް ރޯވާސް އަށް ޖެހޭނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް އިތުރު މެޗެއް ކުޅުމަށެވެ.
މި މުބާރާތުގައި ޗެލްސީ ކުޅުނު 6 މެޗުގައި އެ ޓީމުން ވަނީ 26 ގޯލު ޖަހާފަ އެވެ. އަދި ބައި ކޮޅަށް ވަދެފައިވަނީ އެންމެ 5 ގޯލެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި ޗެލްސީގެ ޒުވާން ފޯވަޑް މާކް ޖިއޫ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ޝެމްރޮކް ރޯވާޒް މާކަސް ޕޫމް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޗެލްސީން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ޝެމްރޮކްގެ ޑެނިއަލް ކްލިއަރީ ފަހަތަށް ޖައްސާލި ބޯޅައެއް ހޯދުމަށްފަހު މާކް ޖިއޫ އެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޑިއުސްބަރީ ހޯލް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން 18 އަހަރުގެ ފޯވަޑް ޖިއޫ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މިއީ އޭނާ ޗެލްސީ އާއި ގުޅުނު ފަހުން އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.
ޗެލްސީން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މާކް ކުކުރެލާ އެވެ. މި ލަނޑަށްފަހުވެސް ޗެލްސީ އަށް ވަނީ އިތުރު ލަނޑުތަކެއް ޖެހުމަށް ދެވަނަ ހާފުގައި ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މި މެޗުގައިވެސް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިންނެވެ.