ޚަބަރު

ނޭޝެނަލް ޑްރަގް އެޖެންސީއަށް އެސްޓީއޯއިން ސާމާނު ފޯރުކޮށްދިނުން


ނޭޝެނަލް ޑްރަގް އެޖެންސީއިން ހިންގަވާ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އެސްޓީއޯއިން އެއްބަސްވެއްޖެއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މުސްލިޙް މަސީހެވެ. އަދި ނޭޝެނަލް ޑްރަގް އެޖެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެޖެންސީގެ ސީއީއޯ ޙަސަން ސަހީލެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުސްލިހް ވިދާޅުވީ، ޑްރަގް އެޖެންސީން ހިންގަވާ ވޮކޭޝަނަލް ޓްރެއިންގތަކަށް ބޭނުންވާ ޓޫލްސްއާއި އެހެނިހެން އާލާތްތައް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. މިފަދަ ޕްރޮގްރާމަކަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ ޑްރަގް ރިހިބިލިޓޭޝަންގައި އުޅޭ ފަރާތްތަކަށް ދެވޭ ތަމްރީނުތައް ނިންމުމަށްފަހު ވަޒީފާއަށް ނުކުންނައިރު އެކަށީގެންވާ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހުންނަށް ހެދުންކަމަށް މުސްލިހް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ޙަސަން ސަހީލް ވިދާޅުވީ، ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑު އުންމީދެއް އާވެގެން ހިނގައްޖެކަމަށެވެ. މީގެ ކުރިން އެ އެޖެންސީން ހިންގަވާ ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކަށް ދިވާމާ އެންމެ ބޮޑު މައްސަލަކީ އެ ޕްރޮގްރާމްތަކަށް ބޭނުންވާ ވަޞީލަތްތައް ލިބިވަޑައިނުގަތުން ކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ދަށުން މިކަން ޙައްލުވެގެންދާނެ ކަމަށެވެ.

އެންޑީއޭއާއި އެސްޓީއޯއާއި އެކު މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ އެޖެންސީއިން ހިންގާ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާ ސާމާނު އެއް އަހަރު ދުވަސް ވަންދެން އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ.