މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރ. އަލިފުށި ޓީމުގެ ކެޕްޓަން މުޙައްމަދު ރަޝީދު (ހޮކޭ) އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަންގެ ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަންގައި މަސްއޮޑި ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުގެ ކެޕްޓަންކަން ވެސް ކުރި ހޮކޭ ކުޅުން ހުއްޓާލާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ އަލުން ދަނޑަށް ނިކުތީ ހުސްވި އަހަރު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުންނެވެ.
މިހާރު ކުރިއަށްދާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮކޭ ވަނީ އިއްޔެ ކުޅުނު މެޗުގައި މާލެ ކޮޅަށް ލަނޑުވެސް ޖަހާފައެވެ. އަދި މުބާރާތުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ފުރަތަމަ ޑިވިޝަނުގައި ހޮކޭ ކުޅެން ފެށީ 2009 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އެއަށްފަހު ޖެހިގެން އައި ތިން އަހަރު ވެސް ފެނުނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ރަތް ޖޯޒީގަ އެވެ. ވިކްޓަރީ އަށް ކުޅުމަށް ފަހު ޖެހިގެން އައި 2013 ވަނަ އަހަރުގެ ކުރީކޮޅު ހޮކޭ ބަދަލުވީ ވެލެންސިއާއަށެވެ. ނަމަވެސް އެ ސީޒަނުގެ ފަހުކޮޅު އޭނާ ފެނުނީ މާޒިޔާއިންނެވެ. މާޒިޔާއަށް ކުޅުމަށް ފަހު އޭނާ އަލުން ނިއުރޭޑިއަންޓަށް ބަދަލުވި އެވެ.
ނިއުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު އޭނާ ދެން ބަދަލުވީ 2019 އަހަރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. އޭނާ އެންމެފަހުން ފުރަތަމަ ޑިވިޝަންގެ ކުލަބަކުން ފެނިފައިވަނީ 2021 ވަނަ އަހަރު އަލަށް ޕްރޮމޯޓުވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ.
ހޮކޭގެ ކެޕްޓަނުކަމުގެ ދަށުން ކުޅޭ ރ. އަލިފުށިން މިހާރު ކުރިއަށްދާ ގޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު ނިކުންނާނީ ފުވައްމުލައް ސިޓީއާ ދެކޮޅަށެވެ.