ޚަބަރު

ލާޒިއޯ އަތުން އިންޓަރ މިލާނަށް ބޮޑު މޮޅެއް


އިޓާލިއަން ސެރިއާ ގައި ރޭ ލާޒިއޯ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޓަރ މިލާން މޮޅުވެއްޖެ އެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު އިންޓަރ މިލާނަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އެޓްލާންޓާ އަށް އެއް މެޗު އިތުރަށް ކުޅެގެން 16 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނަޕޮލީ އަށް ވެސް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނިކުތުމުގެ ކުރިން އަމިއްލަ ދަނޑުގައި އެންމެ ފަހުން އެ ޓީމު ކުޅުނު 12 މެޗުން ބަލިވެފައެއް ނުވެއެވެ. އަދި މިވަގުތު ޔޫރޮޕާ ލީގުގެ އެއްވަނައިގައި ވެސް އޮތީ ލާޒިއޯ އެވެ.

މިއީ ލާޒިއޯގެ ދިގު ތާރީޚުގައި އެ ޓީމުގެ އަމިއްލަ ދަނޑުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން އަމިއްލަ ދަނޑުގައި އެ ޓީމު ބަލިވެފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކުން 1959 ވަނަ އަހަރު ފިއޮރެންޓީނާ އަތުން 5-0 ގެ ނަތީޖާ އެވެ.

މި މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީ އަކުން ހަކާން ކަލަނޮގްލޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ފެޑެރީކޯ ޑިމާކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް 2-0 ގެ ލީޑެއް އެ ޓީމަށް ހޯދަދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ނިކޯލޯ ބަރެއްލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ޑެންޒެލް ޑަމްފްރައިސް ވަނީ އިންޓަރ މިލާނުގެ ލީޑު 4-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި އިންޓަރ މިލާނުން ޖެހި ފަސްވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި ކާލޯސް އޮގަސްޓޯ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑަކީ 90 ވަނަ މިނިޓުގައި މާކަސް ތުރާމް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

ތަފާތު ބޮޑު ނަތީޖާއަކުން އިންޓަރ މިލާން މި މެޗުން މޮޅުވެފައިވާއިރު ލީގުގައި އެ ޓީމު އެންމެ ފަހުން އެ ޓީމު ރަށުން ބޭރުގައި ކުޅުނު ފަސް މެޗުގައިވެސް ވަނީ 5 ލަނޑަށްވުރެ ގިނަ ލަނޑު ޖަހާފަ އެވެ.