ސައުތު ކޮރެއާގެ ޒުވާން ކުޅުންތެރިޔާ ޔަންގް މިން-ހިޔޮކް އިނގިރޭސިވިލާތުގެ ޓޮޓެނަމް ހޮޓްސްޕަރ އާއި ގުޅުމަށް އެ ގައުމަށް ގޮސްފި އެވެ.
އުމުރުން އެންމެ 18 އަހަރުގެ ޔަންގް މިން އާއިއެކު ޓޮޓްނަމް ހޮޓްސްޕަރ ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ ޖުލައި މަހު ކޮރެއާގެ ގެންގްވޮން އެފްސީ އިންނެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު ޔަންގް މިން ޓޮޓެނަމް އާއި ގުޅެން ކުރިން ހަމަޖެހިފައިވީ ނަމަވެސް އޭގެ ދުވަސްތަކެއް ކުރިން އޭނާ އެ ކްލަބާއި ގުޅެނީ ކޮން ސަބަބަކާހުރެ ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.
ކޮރެއާގެ ކޭ ލީގުގައި މި އަހަރު ގެންގްވޮން އެފްސީ ކުޅުނު 38 މެޗުގައިވެސް ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ ވަނީ އެ ކްލަބަށް 12 ލަނޑު ޖަހައިދީ ކޭ ލީގުގެ ދެވަނަ މަގާމް އެ ޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އިނގިރޭސިވިލާތަށް ފުރުމުގެ ކުރިން ސޯލްގެ އިންޗިއޮން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔަންގް މިން ބުނެފައިވަނީ ސައުތު ކޮރެއާގެ އިތުރުން ޓޮޓްނަމްގެ ކެޕްޓަން ސޮން ހިއުން-މިން އާއި އެއް ކްލަބަކަށް ކުޅެން ފުރުސަތު ލިބުނީތީ އެކަމާ އުފާ ކުރާ ކަމަށާއި އަދި މިއީ އޭނާއަށް ލިބިގެންދާ ޝަރަފެއް ކަމަށެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު 16 މެޗުން އެ ޓީމަށް ލިބިފައިވާ 23 ޕޮއިންޓާއެކު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
އަދި ލީގުގައި އެންމެ ފަހުން ސައުތެމްޓަން އާއި ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ވަނީ މޮޅުވެފަ އެވެ.