ރާއްޖޭގެ މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ދަޢުވަތު ޗައިނާގެ އިންވެސްޓަރުންނަށް އަރުވައިފިއެވެ.
މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ދަޢުވަތު އަރުވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީއައިޑީސީއޭގެ ޗެއަރމަން ލުއާ ޖައުހުއީ އާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމް ވަނީ ރާއްޖޭގައި މެރި ކަލްޗަރގެ ސިނާޢަތެއް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، މި ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެރި ކަލްޗަރގެ ދާއިރާއިން ދިވެހިރާއްޖެ ކުރިއަރައި ދިއުމުގެ ފުރުޞަތު އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މެރި ކަލްޗަރގެ ސިނާޢަތް ފެށުމަށް 4 ސަރަޙައްދެއް މިހާރުވަނީ ކަނޑައަޅާފައެވެ. ވަޒީރު ވަނީ މި ދާއިރާގެ ކުރިއެރުމަށް އިންވެސްޓަރުން މުހިންމުކަމަށާއި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާއަށް މީހުން ތަމްރީންކުރުމަށާއި ޓެކްނޮލޮޖީގެ އެހީތެރިކަން ބޭނުންވާކަމަށްވެސް މިބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމަށާއި ތިމާވެށްޓާއި ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްތިޤްލާލީ ހަމަހަމަކަމާއި އިޙްތިރާމްގެ މައްޗަށްކަން ފާހަގަކުރައްވާ، ކުރިއަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖޭން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.