ޚަބަރު

ޒަކާތު ފަންޑުން މިއަހަރުވެސް 12 ކުއްޖަކަށް ބޯންމެރޯ ހަދައިދެނީ


ތެލެސީމީއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާއިދުން ލޭ އެޅުމާއި، ހަށިގަނޑުގައި ޖަމަވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ބޭސް ބޭނުންކުރުމެވެ. ތެލެސީމިއާ ކުދިންނަށް ރާއްޖޭގައި ދޭ ފަރުވާއަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ތެލެސީމީއާ ބައްޔަށް ދޭ ފަރުވާއެވެ. ތެލެސީމީ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ބޯންމެރޯއަކީ ޚަރަދުބޮޑު ފަރުވާއެއް ކަމުން، ގިނަ ކުދިންގެ ބެލެނިވެރިންނަށް އެވަރުގެ ޚަރަދެއް ކުރުމަކީ މާލީ ގޮތުން ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެފަދަ ކުދިންގެ ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވައި، އެފަދަ ކުދިންނަށް ދާއިމީ ފަރުވާ ހޯއްދަވައިދެވުމުގައި ބޮޑެތި އެހީތެރިކަމެއް ދެއްވަމުންނެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ތެލެސީމީއާ ކުދިންގެ ބޯން މެރޯއަށް ހޭދަކުރައްވަނީ ނިސްބަތުން ބޮޑު އަދަދެއްގެ އެހީއެކެވެ. ޒަކާތު ފަންޑުގެ އެހީގެ ދަށުން މިއަހަރުވެސް ބާރަ ކުއްޖަކު ބޯންމެރޯ ހެދުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ޢާންމު ގޮތެއްގައި ބޯންމެރޯ ހަދަނީ އންޑިޔާ، ޝްރީލަންކާ އަދި އިޓަލީ އަދި ތައިލޭންޑުންނެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ، ބޯންމެރޯ ހަދަން ކުއްޖަކަށް ސާޅީސް ފަސްހާސް ޑޮލަރާއި، ފަސްދޮޅޮސް ފަސްހާސް ޑޮލަރާ ދެމެދުގެ ޢަދަދަކަށް ހޭދަވާކަމަށެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، ބޯންމެރޯ ހަދަން މިއަހަރު ފޮނުއްވާ ކުދިންގެ ޕްރީ ޓްރާންސްޕްލާންޓޭޝަން ރިވިއު ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެކުދިން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުއްވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14667763988623.jpg|

ޑރ. ޢުމަރު ވިދާޅުވީ، ބޯންމެރޯ ހަދަން ފޮނުއްވާ ކުދިން ކަނޑައަޅުއްވަނީ އެކުދިންގެ ޖިސްމާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށް ބެލުމަށްފަހުގައި ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީގެ ދަށުން ދެހާސް ފަނަރަވަނަ އަހަރު ނަވާރަ ކުއްޖަކު ބޯންމެރޯ ހެދިއެވެ. މީގެތެރެއިން ބާރަ ކުއްޖެއްގެ ބޯންމެރޯ ކާމިޔާބުވިއެވެ. އަދި ބޯންމެރޯ ހެދުމުގެ ތެރޭގައި އަދި އޭގެ ފަހުން ދިމާވި ކޮމްޕެލިކޭޝަންސްތަކުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވިއިރު ތިން ކުއްޖެއްގެ ބޯން މެރޯ ކާމިޔާބެއް ނުކުރެވުނެވެ. 

ބޯން މެރޯ ކާމިޔާބުވި ބާރަ ކުދިންގެ ތެރެއިން އެއްކުއްޖަކު ފިޔަވައި އެހެންކުދިންގެ ޙާލު ރަނގަޅުކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ. ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، ބޯންމެރޯ ކާމިޔާބުވި ކުދިންގެ ރިވިއު ހެދުމަށް ކުރިޔަށް އޮތް ހަފްތާގައި އިންޑިޔާއަށް ފުރާނެކަމަށެވެ. އެކުދިންގެ ފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން އިޢުލާންކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14667764127439.jpg|

ޑރ. ޢުމަރު ވިދާޅުވި ގޮތުގައި، ބޯންމެރޯ ހަދަން ކުއްޖާ ދާއިރު އެކަމަށް ޞިއްޙީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށްވެ ހުރުމަކީ ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. ދެހާސް ފަނަރަވަނަ އަހަރުގެ ކުރިންވެސް ރާއްޖޭގައި ތިރީސް ނުވަކުއްޖަކު ބޯން މެރޯ ހެދިއެވެ. މި ތިރީސް ނުވަކުދިންގެ ތެރެއިން އަށާރަ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުވެ ވަނީ ތެލެސީމީއާ ބަލިން މުޅިން ރަނގަޅުވެފައެވެ. ބާރަ ކުއްޖަކު ވަނީ މަރުވެފައެވެ. މި ކުދިންގެ ބޭސްފަރުވާގެ ޚަރަދެއް ކުރުމުގައި ސަރުކާރުން ވަނީ ބޮޑު އެހީތެރިކަމެއް ދެއްވާފައެވެ.  

ތެލެސީމީއާ ކުދިންގެ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ސަރުކާރުން ދެއްވަމުން ގެންދަވަނީ މުޅިން ހިލެއެވެ. މިހާތަނަށް ރާއްޖޭގެ 58 ކުއްޖަކު މިވަނީ ބޯންމެރީ ހަދާފައެވެ.